ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަ ވަގުތުތަކުގައި އިސްތިއުނާފުގެ ޝަރީއަތްތައް ނުހިނގާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
ހައިކޯޓުން މީގެކުރިން ބުނެފައިވަނީ ބަންދު ތެރޭގައި އިސްތިއުނާފުގެ މައްސަލަތައް ހިނގާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ އުސޫލަށް އިސްލާހު ގެނެސްފައެވެ.
އިސްލާހު ގެނެސްފައިވާ އުސޫލުގައި މިހާރު ބުނެފައިވަނީ ކޮންމެހެން ގެންދަން ޖެހޭ މައްސަލަތައް އީމެއިލް މެދުވެރިކޮށް އެކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެހެންނަމަވެސް އެ ނޫން މައްސަލަތައް ބަންދު ތެރޭގައި ކުރިޔަށް ނުދާނެ ކަމަށް އެކޯޓުން ބުނެއެވެ. އަދި މިފަދަ ހާލަތެއްގައި އިސްތިއުނާފުގެ މައްސަލަތައް ނުހިނގާނެ ކަމަށްވެސް ހައިކޯޓުން ބުނެއެވެ.
ހައިކޯޓުން މިގޮތަށް ހަމަޖައްސާފައިވާއިރު ސަރުކާރު ބަންދު ތެރޭގައި އިސްތިއުނާފުގެ މައްސަލަތައް ނުހިންގާ ގޮތަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ވެސް ވަނީ އެގޮތަށް އެކަން ކުރުމަށް ނިންމާފައެވެ.
ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް ޝަރުއީ ނިޒާމަށް ހުއްޓުމެއް ނައިސް ރައްޔިތުންނަށް އަދުލު އިންސާފު ގާއިމް ކޮށްދިނުމުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ގޮތަށް ކޯޓުގެ މަަސައްކަތްތައް ބައްޓަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް ދަނީ އަންގަމުންނެވެ. އަދި ކޯޓުތަކުން އަންނަނީ އޯޑިއޯ ވީޑިއޯކޮށް ކޮންމެހެން ބާއްވަން ޖެހޭ މައްސަލަތައް ބާއްވަމުންނެވެ.