Last Updated: November 24, 09:26
Sunday, November 24, 2024
ދުނިޔެ

ދެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ޓެސްޓު ކުރަން ހުއްދަ ދީފި

Photo: Thomas Peter/Reuters]

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ދެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ޓެސްޓު ކުރުމުގެ މަރުހަލާ ފެށުމަށް ޗައިނާއިން ހުއްދަ ދީފިއެވެ.

އެޤައުމުގެ ޝިންހުއާ ނިއުސް އޭޖެންސީއިން ބުނެފައިވާ ގޮތުގައި މި ދެވެކްސިންވެސް އަދި ވަނީ އެކްސްޕެރިމެންޓަލް މަރުހަލާއެއްގައި ކަމަށާއި، ވެކްސިންތައް އުުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ބެއިޖިއިންގ ގައި ހުންނަ ސިނޮވަކް ބަޔޯޓެކްގެ ޔުނިޓަކާއި ޗައިނާ ސަރުކާރުގެ ޗައިނާ ނޭޝަނަލް ޕަރމަސޫޓިކަލް ގްރޫޕްގެ އެފިލިއޭޓެއް ކަމަށްވާ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އިންނެވެ.

އަލްޖަޒީރާގައި ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ޤައުމީ ހެލްތު ކޮމިޝަނުންވެސް ވަނީ މި ތަހުލީލީ މަރުހަލާތަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން މާރޗު މަހުގެ ތެރޭގައިވެސް ބެއިޖިއިންގ އިންވަނީ އެޤައުމުގެ އަސްކަރިއްޔާގެ އެކެޑަމީ އޮފް މިލިޓަރީ މެޑިކަލް ސައެންސެސް އާއި ބަޔޯޓެކް ފަރމެއް ކަމަށްވާ ކަންސީނޯ ބަޔޯގެ ވެކްސިނަކަށްވެސް ކްލިނިކަލް މަރުހަލާ ފެށުމުގެ ހުއްދަދީފައެވެ.

މީގެ އިތުރުން އެމެރިކާގެ މޮޑަރނާ ނަމަކަށް ކިޔާ ބޭސް އުފައްދާ ކުންފުންޏަކުންވެސް ދަނީ އެޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތާއި ގުޅިގެން ވެކްސިނެއްގެ ކްލިނިކަލް މަރުހަލާ ކުރިއަށް ގެންދަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް އައިއިރު 1,939,463 މީހުންވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 120,879 މީހުން މިބަލީގައި މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވިކަމަށް ރިކޯޑު ކުރެވިފައިވަނީ 459,525 މީހުންނެވެ.