Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / މިހާރު

މާލޭ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 21 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އެއީ 15 ބިދޭސީންނަށާއި މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާ ލައިގެން 6 ދިވެހިންނަށެވެ. އޭގެެތެރެއިން 13 ބިދޭސީއަކު ރަނގަޅުވިއިރު ތިން ދިވެއްސަކު ވެސް ވަނީ ރަނގަޅުވެފައެވެ. 

މާލޭ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 އިން ފެތުރިއްޖެނަމަ މާލެ ސަރަހައްދުން އެކަނި ވެސް 46،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ލަފާކޮށްފައެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ ބަލި ޖެހޭނެ ނިސްބަތާއި ގުޅޭ ލަފާކުރުންތަކެއް މިހާރު ހެދިފައިވާ ކަމަށެވެ.

އެގޮތުން މުޖުތަމަތުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ މާލެ ސަރަހައްދުން އެކަނި 46،627 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އަތޮޅުތަކުން 51،874 މީހުން ބައްޔަށް ޕޮޒިޓިވްވާނެކަމަށް ބެލެވޭއިރު ޖުމްލަ 98،501 މީހުންނަށް ކޮވިޑް-19 ޖެހެނޭކަމަށް ބެލެވޭ ކަމަށެވެ.

އަދި އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހި، ހަލުވިކަމާއެކު ބަލި ފެތުރޭނެ ކަމަށާއި އަދި 47 ދުވަސް ތެރޭގައި ޕީކްއަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެއަށް އަމަލުކޮށްފިނަމަ ބަލި ޖެހޭ މިންވަރު މަދު ކުރެވޭނެ ކަަމަށާއި، އެންމެ ޕީކްގައިވެސް އޭރުން ބަލި ޖެހޭނީ 2000 އެއްހާ މީހުންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މިއީ ކުޑަ އަދަދެއް ނޫންކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

އަދި ބަލި ކޮންޓްރޯލް ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެންމެ ޕީކް ދުވަހުގައި 1300 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭނެ ކަމަށާއި ނަމަވެސް ހަރުކަށި ފިޔަވަޅު އަޅައިފިނަމަ ބަލި ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 އެއްހާ މީހުންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންވެސް މި ދެ ޙާލަތުގައި 400 އިން 100 އަށް މަދު ކުރެވޭނެ ކަމަށް ޑރ ވިދާޅުވިއެވެ.

މި ހާލަތަށް ރާއްޖެ ނުގޮސް މިހާރު އޮތީ އެޅިފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ނަމަވެސް އަދިވެސް މިކަމަށް ފަރުވާތެރިވާންޖެހޭ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.