Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

މިއީ ތެޅިފޮޅެންވީ ވަގުތެއް ނޫން، ގޭގަ މަޑުކުރައްވާ: ސިއްހީ މާހިރުން

ފޮޓޯ: މިހާރު

މިއަދު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ މީހަކު ފެނިފައިވާއިރު މިބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އާންމު ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް ސިއްހީ މާހިރުން ގޮވާލައިފިއެވެ.

މިވަގުތަކީ ތެޅިފޮޅި އެންމެން އެއް ތަނަކަށް ތޮއްޖެހި އެއްޗެހި ގަންނަންވީ ވަގުތު ނޫން ކަމަށާއި، ހުރިހާ ބޭފުޅުން ވެސް ބޭރަށް ނުނިކުމެ ގޭގައި މަޑު ކޮށްދިނުމަށް އެޗްޕީއޭ އާއި ޑޮކްޓަރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މިއީ ރާއްޖެ ތައްޔާރުނުވެ އޮތް ހާލަތެއް ނޫން ކަމަށާއި މިހުރިހާ ދުވަހު ތައްޔާރުވެތިބީ މިހާލަތަށް ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، ޑޮކްޓަރުންގެ އިރުޝާދުތަކަށް ބޯލަނބައިގެން ގިނަ ގިނައިން އަތް ދޮވުމާއި 3 ފޫޓު ދުރުގައި މަޑުކޮށް، ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ނަމަ ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ސައްހަ ނޫން ހަބަރުތައް ފެތުރުމާއި ރަސްމީ އިދާރާތަކުން ހާމަކުރާ ޚަބަރުތައް ނޫނީ ނުފެތުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އެންމެން އެކުގައި މިބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ތަނަކަށް މާލެ ވެގެން ދާނެ ކަމަށާއި އެހާލަތަށް އަޔަ ނުދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.