Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

މާލެއިން ޕޮޒިޓިވްވި މީހާ ދިރިއުޅޭ ގެ ކަރަންޓީންކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން، ފޮޓޯ: މިހާރު

މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ ދިރިއުޅޭ ގެ ކަރަންޓީންކޮށް، އޭނާ ދިރިއުޅުނު ގޭގެ މީހުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.