Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

ކަންބޮޑުނުވޭ ސަރުކާރު އޮތީ ތައްޔާރަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މިއަދު ރާއްޖޭގައި ކޮވިޑް19 އާ ގުޅިގެން ހިނގަމުން އަންނަ ހުރިހާ ކަމެއްވެސް ހިނގަމުން ދަނީ ސިއްހީ މާހިރުން އަންދާޒާ ކޮށްފައިވާ ގޮތަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކޮވިޑް19 ފެތުރޭނެ ކަމީ އަބަދުވެސް ސިއްހީ މާހިރުންނަށް އެނގޭ ކަމެއް ކަމަށެވެ. އަދި ކޮވިޑް19 ގެ ކަންކަން ދަނީ އެންމެ ފުރަތަމަވެސް އަންދާޒާ ކުރެވުނު ގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮވިޑް19 އަށް ތައްޔާރު ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައި ނުގެންނެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ވިދާޅުވީ އެކަމުން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެ މައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ޕޮޒިޓިވްވި ފަރާތް މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ބުނެފައި ވަނީ ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ދަންނަވާ ކަމަށެވެ.