Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

ކުރި އަސަރެއްގެ ބޮޑުކަމުން ރައީސް ސޯލިހު ފެންކަޅިވެއްޖެ

މިއަދު މާލެއިން ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވި ހަބަރާއި އެކުގައި ދައުލަތުގެ އެންމެ އިސް ފަރާތް ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ މިވަނީ ވާހަކަފުޅުދައްކަވާފައެވެ. އެ ވާހަކަފުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ މި ހާލަތުގެ ސަބަބުން އެމަނިކުފާނަށް ކުރައްވާފައިވާ އަސަރެވެ. އެމަނިކުފާނު ވަނީ ވާހަކަފުޅު ކުރިޔަށް ގެންދަވަން ދަތިވެ ވާހަކަފުޅު ދެއްކެވުން މެދުކަނޑާލައިފައެވެ.

ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އަސަރާއެކު ދެއްވި ޚިތޯބުގައި ވިދާޅުވީ، ދިވެހި ސަރުކާރުން މިބަލި ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި، އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ބަދަލުގައި ރައްޔިތުންގެ ކިބައިން އެދެނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ގެއިން ނުނިކުމެ ތިއްބެވުމަށާއި ގިނަ ގިނައިން އަތް ދޮވެ ސާފުތާހިރުވެ ތިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށާއި ކެތްތެރިކަން އިސްކުރައްވައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުންނަވައި، ގޭގައި މަޑުކުރެއްވުން. އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް، ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން"

މިފަދައިން ރައީސް ވިދާޅުވިއިރު އެމަނިކުފާނު ހުންނެވީ ފެންކަޅިވެފައެވެ. އެގޮތުން އެމަނިކުފާނަށް ކުރެއްވި އަސަރެއްގެ ބޮޑުކަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ކުޑަވަގުތުކޮޅަކަށް މެދުވެސް ކަނޑާލެއްވިއެވެ. ދެވަނަ ފަހަރަށް ރައީސް ވާހަކަފުޅު ފެއްޓެވީ ވެސް އަސަރާއި އެކުގައެވެ.

ރައީސް ސޯލިހު މީގެކުރިންވެސް ވަނީ ހަފްލާއެއްގައި ކީރިތި ކުރައްވާފައެވެ. އެއީ 2018ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި އެވޯޑު ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައެވެ. އެ ރޭ އެމަނިކުފާނު ކީރިތި ކުރެއްވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ ހަނދާން އާ ކުރައްވައެވެ. އެރޭވެސް ރައީސް ސޯލިހު ވަނީ އެމަނިކުފާނަށް ކުރައްވާފައިވާ އަސަރުން ވާހަކަފުޅު މެދުކަނޑާލައްވާފައެވެ.