ދުބާއީގައި މަސައްކަތްކުރާ އެކި ޤައުމުތަކުގެ ރައްޔިތުން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގައި ހަރަކާތްތެރިވާ ދުބާއީގެ ރަސްމީ އެއަރލައިން އެމިރޭޓްސްއިން ފަސިންޖަރުން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފިއެވެ.
އެގޮތުން ތަރމަލް ސްކްރީނިންގ އަށް ފަހު، ކޯވިޑް-19 ހުރިތޯ ބެލުމަށް އެ އެއަރލައިނުން ދަނީ ފަސިންޖަރުން އެއަރޕޯޓުގައި ޓެސްޓުކުރަމުންނެވެ. އަދި މިޓެސްޓަކީ 10 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ. ދުބާއީ ހެލްތު އޮތޯރިޓީ (ޑީއެޗްއޭ) އާއި ގުޅިގެން އެމިރޭޓްސްއިން މިކަން ކުރުމަށް ނިންމާފައިވަނީ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުންނެވެ.
މިގޮތަށް އެއަރލައިނުން އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ މިއަދު އެޤައުމުން ޓިއުނީޝިއާއަށް ދިޔަ ފަސިންޖަރުންނެވެ. އެމިރޭޓްސްއިން މި ޓެސްޓުތަށް ކޮށްފައިވަނީ އެއަރޕޯޓުގައި ހުންނަ ގްރޫޕް ޗެކްއިން އޭރިއާގައި، ފަސިންޖަރުންގެ ލޭގޭ ސާމްޕަލެއް ނެގުމަށްފަހުގައެވެ. އެގޮތުން ޓެސްޓުކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ މުވައްޒަފުން ތިބެނީ ރައްކާތެރި އާލާތްތަށް ބޭނުންކޮށްގެންނެވެ.
އެމިރޭޓްސްގެ ސީއީއޯ އަޑެލް އަލް-ރެދާ އާއި ހަވާލާދީ ގަލްފްނިއުސްގައި ބުނެފައިވަނީ މިއަދުގެ ޓެސްޓުކުރުން ވަނީ ވަރަށް ރަނގަޅަށް ގޮސްފައިކަމަށާއި މިކަން މިހާ ފުރިހަމަ ގޮތެއްގައި ކުރެވުނީ ދުބާއީ އެއަރޕޯޓާއި އެނޫންވެސް ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުމާއެކުގައި ކަމަށެވެ. އަދި އޭނާވަނީ ދުބާއީ ހެލްތު އޮތޯރިޓީގެ އިސްނެގުމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
އަޑެލް އަލް-ރެދާއާއި ހަވާލާދީ އިތުރަށް އެނޫހުގައި ބުނެފައިވާ ގޮތުން އެ އެއަރލައިނުން ދަނީ ޓެސްޓުކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތްތަކެއްކޮށް އިތުރު ފްލައިޓްތަކުގެ ކުރިންވެސް މިފަދަ ޓެސްޓުތަކެއް ކުރެވޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި އެމިރޭޓްސްގެ ފަސިންޖަރުންނާއި، އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އިޖުތިމާއީ ގައިދުރުވުމުގެ ޕްރޮޓޮކޯލްތަކާއި އެއްގޮތަށް ހުރިހާ ފަސިންޖަރުންނަށްވެސް ފުރުމުގެ ކުރިން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރެވޭނެ ގޮތް ހަމަޖައްސައި، އެއަރޕޯޓުގެ މުވައްޒަފުންނަށްވަނީ މާސްކާއި، އަންގި އަދި ސެނިޓައިޒަރ ބޭނުން ކުރުން ލާޒިމުކޮށްފައެވެ. މީގެ އިތުރުން ފަސިންޖަރުުންވެސް އެއަރޕޯޓާއި ފްލައިޓު ތެރޭގައި ވަނީ މާސްކު އެޅުން ލާޒިމުކޮށްފައެވެ.
އެމިރޭޓްސް އަކީ މިގޮތަށް ފަސިންޖަރުން ޓެސްޓު ކުރާ އެންމެ ފުރަތަމަ އެއަރލައިނެވެ.