އެމްޑީޕީގެ ރިޔާސީ ކެންޑިިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިންޑިއާގެ ނިއު ދިއްލީ އަށް ވަޑައިގަންނަވައިފި އެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާނެ އެވެ. މިއަދު މެންދުރު ފަހު އިންޑިޔާގެ ފިނޭންސް މިނިސްޓަރު ހިޒް އެކްސެލެންސީ މިސްޓަ ޕީ. ޗިދަންބަރަމް އާއި ބައްދަލު ކުރައްވާނެ އެވެ.
އަދި ދިވެހި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން އިންޑިޔާގެ އެކްސްޓަނަލް އެފެއަޒް މިނިސްޓަރު ހިޒް އެކްސެލެންސީ މިސްޓަ ސަލްމާން ޚުރްޝީދާ ވެސް މިއަދު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ދިވެހި ރާއްޖޭ އާއި އިންޑިޔާގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
އިންޑިޔާގެ ޓްރިވަންޑްރަމްގައި ދިރިއުޅޭ ދިވެހިންނާ ނަޝީދު ރޭ ބައްދަލު ކުރެއްވި އެވެ.