މާލެއިން އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 23ވަނަ މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ ކަމަށާއި އަދި އެމީހާއަކީ މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 26ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ބުނީ އެމީހާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށެވެ.
ކޭސް: 26# ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި،ހެދިޓެސްޓް ޕޮޒިޓިވް ވެއްޖެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ، އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ— Health Protection Agency (@HPA_MV) April 17, 2020
ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ 26 މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންނާއި ގާތްގަނޑަކަށް އެއްހަމަ ވަނީއެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. އޭގެތެރެއިން ދެ މީހުންނަށް ބަލި ޖެހުނުކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އަދި ބާކީ ތިބި 13 ބިދޭސީން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ.
މި ބައްޔަށް ޖުމްލަ 11 ދިވެއްސަކު ޕޮޒިޓިވްވިިއިރު މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ ތިން ދިވެހިންނެވެ. މާލެއިން އެންމެ ފުރަތަމަ މި ބައްޔަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ވަނީ މިދިޔަ ބުދަ ދުވަހު 24 ގަޑިއިރަށް ލޮކްޑައުންވެސް ކޮށްފައެވެ. އަދި އިއްޔެ ލޮކްޑައުންގެ ވަގުތު ހަމަވުމުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އިތުރު 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. މީގެއިތުރުން ރޭގެ ވަގުތެއްގައި ވަނީ އެއްރަށުން އަނެއް ރަށަށް މީހުން ދިއުންވެސް އެއްކޮށް މަނާ ކޮށްފައެވެ.