މާލެއިން ބަންގްލަދޭޝް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް 30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ބާރަވަނަ މީހާއެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެއިން 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން އިއްޔެ ވަނީ ނިންމާފައެވެ.