ކޮވިޑް19 އާ ގުޅިގެން އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.
މި ލޯނަކީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދޭ ލޯނެކެވެ. އޮޕެކުން ބުނީ މި ލޯނަކީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ އަޑިގަނޑުން އަރައިގަތުމަށް ލިބޭ އެހީތެރިކަމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ސަރުކާރުގެ އިގްތިސޯދީ ރިކަވަރީ ޕްލޭނަށް އެހީވުމަށް ދޭން ނިންމާފައިވާ ލޯނެއް ކަމަށް އޮފިޑުން ބުނެއެވެ.
އޮޕެކުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ނިންމާފައިވަނީ ދުނިޔޭގެ އެކި ގައުމުތަކަށް އެހީ ދިނުމަށް އެ ފަންޑުން ކަނޑައެޅި 390 މިލިއަން ޑޮލަރުގެ ތެރެއިން ދިނުމަށް ނިންމާފައިވާ ލޯނެކެވެ.
އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ ޢަބްދުހާމިދު އަލް-ޚަލީފާ ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ދަތިތައް ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުގެ ހާލަތުން ތަރައްގީވަމުން އަންނަ ގައުމުތައް އަރައިގަތުމަށް އެހީވުމަށް އޮޕެކްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.