އިރާޤުގައި ރޮއިޓާސް ހިންގުން ހުއްޓުވުމުގެ ގޮތުން އެޤައުމުގެ ކޮމިއުނިކޭޝަންސް އެންޑް މީޑިއާ ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އެޤައުމުގެ ރައީސް ބަރުހަމް ޞާލިޙު ތެދުވެއްޖެއެވެ. އެގޮތުން ރައީސް ޞާލިޙުވަނީ މި ނިންމުން ބަދަލުކުރުމަށް ވަކީލުންގެ ޓީކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަ ކުރައްވާފައެވެ.
އިރާޤުގެ ކޮމިއުނިކޭޝަންސް އެންޑް މީޑިއާ ކޮމިޝަނުން އެޤައުމުގައި ރޮއިޓާސް ހިންގުން 3 މަސް ދުވަހަށް ހުއްޓުވުމަށް ނިންމާފައިވަނީ އޭޕްރިލް 2 ވަނަ ދުވަހުއެވެ. އަދި މި ނިންމުން ނިންމާފައިވަނީ، އެޤައުމުގެ ރަސްމީ އިދާރާތަކުން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަށްވުރެ ގިނައިން އެޤައުމުގެ މީހުންނަށް މިބަލި ޖެހިފައިވާކަން ހާމަކޮށް ޝާއިރުކޮށްފައިވާ ލިޔުމަކާއި ގުޅިގެންނެވެ. މިގޮތުން ރޮއިޓާސް އެޤައުމުގައި ހިންގުން މަނާކުރުމުގެ އިތުރަށް އެ ކޮމިޝަނުންވަނީ ރޮއިޓާސް 25 މިލިއަން އިރާޤީ ދީނާރުން (21،000 ޑޮލަރު) ޖުރުމަނާކޮށް، މާފަށް އެދުމަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ރައީސް ޞާލިޙު ވިދާޅުވީ، އެޤައުމުގެ ސަރުކާރާއި ވަކިން ހިންގަމުން ގެންދާ މި ކޮމިޝަނުގެ ނިންމުމާމެދެ ހިތާމަ ކުރައްވާ ކަމަށާއި، ކޯވިޑް-19 ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ރިޕޯޓު ކުރަން ޖެހޭނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ރޮއިޓާސް ސަސްޕެންޑް ކުރުން ދިފާއު ނުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޞާލިޙުވަނީ ރޮއިޓާސްގެ ރިޕޯޓުން ސަރުކާރުން ގަސްދުގާ ސައްޙަނޫން މައުލޫމާތު ހާމަކޮށްފައިވާކަން ދޭހަވާ ގޮތަކަށް ލިޔެފައިވާ ކަމާމެދު އޮފިޝަލުން ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި އެޤައުމުން މިގޮތަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު އެޗް އޯ) އާއި އަލިފު ދާލު (ޔޫ އެން) ގެ ރިޕޯޓުތަކުންވެސް އެނގެން ނެތްކަން ރައީސް ޞާލިޙު ފާހަގަކުރައްވާފައެވެ.
އަދި އެހެން ޤައުމުތަކެކޭ އެއްގޮތަށް މަރުވެފައިވާ މީހުންގެ އަދަދާއި ސަރުކާރުން ނެރެފައިވާ ތަފާސް ހިސާބުތަކުން މަރުވެފައިވާ ކަމަށް ބާޔާންކޮށްފައިވާ އަދަދުތައް ޚިލާފުވަނީ ކުރީ ބައިގައި ސަރވެއިލެންސް ފެށިފައި ނުވާތީކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މިއީ އާންމު ކަމެއްކަމަށްވެސް ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިިގެން ރޮއިޓާސް އިން ބުނެފައިވަނީ މި ނިންމުމާއި މެދު އެ އެޖެންސީއިން ހިތާމަ ކުރާ ކަމަށާއި، ސުވާލު އުފައްދާފައިވާ ލިޔުމަކީ "އިތުބާރު ހުރި އެތަކެއް ޞިއްޙީ އަދި ސިޔާސީ މަސްދަރުތަކަށް" ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އިރާޤާއި ބެހޭ ތެދު މަޢުލޫމާތު ގެނެސްދެވޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ރޮއިޓާސް އިންވަނީ ހާމަކޮށްފައެވެ.
އިރާޤުގެ ކޮމިއުނިކޭޝަންސް އެންޑް މީޑިއާ ކޮމިޝަނުން މިކަމާއި ގުޅިގެން 2 އޭޕްރިލް ގައި ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ "އިރާޤުގެ ޙާލަތަށް ރިއާޔަތްކޮށް ރޮއިޓާސް އިން ކަންކޮށްފައިވާ ގޮތުން އެޤައުމުގެ މުޖުތަމަޢު ނުރައްކަލަށް ހުށައަޅާފައިވާ ކަމަށެވެ."
އިރާޤުގެ ކޯވިޑް-19 ޖެހުނު މީހުންގެ އަދަދާއި ބެހޭގޮތުން ރޮއިޓާސްގެ ބަޣްދާދު ބިއުރޯއިން ޝާއިރުކުރި ލިޔުމުގައިވަނީ "ޓެސްޓުކުރުމުގައި ހަރަކާތްތެރިވާ 3 ޑޮކްޓަރުންނާއި، ސިއްޙީ ވުޒާރާގެ އޮފިޝަލަކާއި، ސިޔާސީ އޮފިޝަލަކު މަޢުލޫމާތު ދީފައިވާ ގޮތުން، އިރާޤުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 772 ނަމަވެސް، އަސްލު އަދަދު އެތަށް ގުނައެއް އެތައް ހާސް އިތުރު ކަމަށެވެ."
ދުނިޔޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިރާޤުގައި މިހާރު ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 1482 އަށް އަރާފައެވެ. އަދި މިބަލީގައި 81 މީހަކު އެޤައުމުން ވަނީ މަރުވެފައެވެ.
މަސްދަރު: ސީއެންއެން