ކޮވިޑް19 އަށް މާލެއިން 13ވަނަ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް 28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ތޭރަވަނަ މީހާ ކަމަށާއި އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ތޭރަވަނަ މީހާ، މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ
— Health Protection Agency (@HPA_MV) April 18, 2020
މާލެއިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން އިއްޔެ ވަނީ ނިންމާފައެވެ.