ރާއްޖޭގެ ރައްޔިތުން ކޮވިޑް-19 އިން ސަލާމަތް ކުރުމަށް ސަރުކާރާއި ސިއްހީ މާހިރުން މެދު ނުކެޑި މަސައްކަތް ކުރާތާ 3 މަސްވަނީއެވެ. ސިއްހީ މާރިހުންގެ އިރުޝާދާއި އެކު ސަރުކާރު ބަންދުކޮށް ސްކޫލް، ކޮލެޖު ޔުނިވާސިޓީ ބަންދު ކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ފާއިތުވި ކޮންމެ ދުވަހަކު ދެއިރު ނޫސް ކޮންފަރެންސް ބާއްވައި ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެޗްޕީއޭއިން ހާމަ ކުރަމުން ދިޔައީ ރައްޔިތުން ގޭގައި މަޑު ކުރުމަށް ނަސޭހަތްތެރިވަމުންނެވެ. އެވާހަކަ ނަސޭހަތް އަޅުގަނޑުމެން ރައްޔިތުންނަށް އެޗްޕީއޭއިން ނުދޭ ދުވަހެއް ނުދެއެވެ. ޑޮކްޓަރުން ގޭގައި މަޑުކޮށްދެއްވުމަށް އެދި އާދޭސް ނުކުރާ އެންމެ ނޫސް ކޮންފަރެންސެއްވެސް ނުދެއެވެ.
މި ނަސޭހަތް ކެނޑިނޭޅި ޑޮކްޓަރުންނާއި ސިއްހީ މާހިރު ދެމުން ދަނިކޮށް މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީއެވެ. މިއިން ދުވަހަކުވެސް ރާއްޖެއިން ބޭރަށް ދަތުރެއް ނުކޮށް ގޭގައި ހުރި މީހަކަށް ބަލި ޖެހުމާއި އެކު ރާއްޖޭގައި ހަލުވި ކަމާއި އެކު ބަލި ފެތުރެން މިވަނީ ފަށާފައެވެ. ކޮންމެ ދުވަހަކު މިއިވެނީ އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ބިރުވެރި ހިތާމަވެރި ހަބަރެވެ. މިހާތަނަށް މި ބައްޔަށް މިވީ 3 ދުވަހުގެ ތެރޭގައި 14 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.
މާލެއިން ބަލި ޖެހުނު ފުރަތަމަ މީހާގެ ކޮންޓެކްޓު ޓްރޭސިންއިން ލިބުނީ ހައިރާން ކަމެކެވެ. 200 އަށް ވުރެ ގިނަ މީހުންނާއި އެމީހާ އާއި ބައްދަލުވެފައިވާ ކަމެވެ. އެއިން އެނގެނީ ރައްޔިތުން ގޭގައި މަޑު ނުކުރިކަމެވެ. ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ސަމާލުކަމެއް ނުދެވުނު ކަމެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު މުޅި ރާއްޖެ މިވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އެއް ރަށުން އަނެއް ރަށައް ދަތުރު ކުުރުން މިވަނީ މަނާ ކޮށްފައެވެ. ނަމަވެސް އަދިވެސް ގޭގައި މަޑު ކުރެވޭ މީހުން ނިސްބަތުން މަދެވެ. ފުލުހުން ނިކުމެ ހުއްޓުވައި އަދަބު ދެމުން އަންނަ އިރު އަދިވެސް އެއް ބަޔަކު މަގު މައްޗަށް ނިކުންނަނީއެވެ.
މި އައްޑޫ ސިޓީގެ ބޮޑު އާބާދީ އަކީ މާލޭގައި ދިރިއުޅެމުންދާ ބަޔެކެވެ. ބަލި މާލެއިން ފެނުނު އިރު އެތައް ބަޔަކު މިހާރުވެސް މިވަނީ އައްޑޫއަށް ދަތުރުކޮށްފައެވެ. މާލެއިން ފެނުނު ފުރަތަމަ ކޭސް އާއި އެކު އައްޑޫ ހިތަދޫންް ގެއެއް ވަނީ ލޮކްޑައުންކޮށް ސާމްޕަލް ނަގާފައެވެ. ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވާ އިރު އިތުރު ސާމްޕަލަކާއި އެކު މިހާރުވެސް ތިން ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.
ކަން މިހެން އޮތް އިރު މިއާބާދީ ރައްޔިތުން ބައްޔާއި މެދު ސީރިއަސްކޮށް ވިސްނައި ގޭގައި މަޑު ކުރަންވެއްޖެއެވެ. މުސްކުޅިން ބުނާ ގޮތަށް އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
ބަލި ފެތުރިގެން ހިނގައްޖެނަމަ ބައްޔަށް ފަރުވާދެވޭނެ މާބޮޑު ވަސީލަތެއް ރާއްޖޭގައި ނެތެވެ. އަމުދުން އައްޑޫގައި ނެތެވެ. އެންމެ ކުޑަމިނުން އަދި ކޮވިޑް-19 ޓެސްޓު އައްޑޫން ހެދެން ނެތެވެ. އައިސޮލޭޝަން ރޫމް ހުރީ މަދު އަދަދެކެވެ. ވެންޓިލޭޓަރަކަށް ހުރީ އެންމެ 14 ވެންޓިލޭޓަރެވެ. އެކަށީގެންވާ ސާމާނެއް އަދި އައްޑޫއަކު ނެތެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތީ އައްޑޫގައެވެ. ގިނަ ރަށްތައް ވަނީ އެއް ރަށް އަނެއް ރަށާއި ގުޅިފައެވެ. ދިރިއުޅުން ހުންނަނީ އެއްބައެއްގެ ގޮތުގައެވެ. އެހާވެސް ދަތުރުފަތުރު ގިނައެވެ.
ވީއިރު މިކަމަށް ވިސްނައި މިހާރުން މިހާރަށް ގޭ މަޑުކޮށްދެއްވާށެވެ. އެޗްޕީއޭއިން ދެން އިތުރަށް އަންގާނެ އެންގުމެއް ނެތެވެ. މުޅި ރާއްޖޭގެ ރައްޔިތުން ގޭގައި ތިބުމަށް މި ދަނީ އާދޭސް ކުރަމުންނެވެ.
ކޮންމެ ގެއަކަށް ވަކި ސިޓީއެއް ނުވަތަ ލިޔުމެއް އެޗްޕީއޭއިން ފޮނުވާނެ ކަމަށް ބަލައި ބޭރަށް ނުގޮސް ގޭގައި މަޑު ކުރާށެވެ. ލަސް ލަހުން ހަމަޖެހިގެން ތަކެތި ގަނެވޭނެއެވެ. ތޮއްޖެހިގެން ކާބޯތަކެތި ގަތުމުގެ ބޭނުމެއް ނެތެވެ. އެފަދައިން ތޮއްޖެހުމަކީ އަދި މާ ނުރައްކާ ކަމެކެވެ.
ވީމާ ހުރިހާ ރައްޔިތުންވެސް ބުއްދި އިސްކޮށް ގޭގައި މަޑުކޮށްދެއްވާށެވެ. އެއީ އެންމެ ރައްކާތެރިގޮތެވެ.