(އޮގަސްޓް 1، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
އެ ވަގުތު ކޯޓް ފަޓްލޫން ލައިގެން ޓައީ އަޅައިގެން ދެ އަތް އުނގުޅަމުން ވަން ސަލީމް ފެނިގެން އެންމެން ހައިރާން ވި އެވެ. އޭނާއަކީ ކުންފުނުންޏަށް ވަންތާ އަހަރު ނުވަނީސް ކުންފުނިން ކެޑިގެން ގޮއްސަ ހުރި މީހެކެވެ.
މި ވަގުތު އޭނާ މި ގެއަށް އައީ ކީއް ކުރަން ބާއޭ އެންމެންގެ ހިތުގާ ސުވާލު އުފެދި ޔޫނުސް އަށް ބަލަން ތިއްބެވެ. ޖަވާބަކީ ކޮބައިތޯ އެއިން ކޮންމެ މީހެއްގެ މޫނުން އަހާ ކަހަލަ އެވެ.
"ސަލީމް…ވަދޭ. މީހަކު ރޭގަނޑު ކެއުމުގެ ދައުވަތު ދިނީމާ ކޯޓް ފަޓުލޫން ލައިގެން އަންނަން ވެދާނެތަ؟ ބަލަ ތިޔަ ޓައީ މޮހާލާ ތަންކޮޅެއް ހަމަޖެހިގެން މަަގޭ ކައިރިއަށް އައިސް މި ގޮނޑީގަ އިށީދެބަލަ." ޔޫނުސް އޭނާގެ އެންމެ ކައިރީގައިވާ ގޮނޑި ދައްކާލަމުން ބުނެލި އެވެ.
"އާނ…ދެން ކަލޭމެންގެ ސުވާލުގެ ޖަވާބު. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ މި ސަލީމް އަށް. އަހަރެން މީނާ އަހަރެންގެ ދަރިފުޅު ނީލާގެ ހަޔާތުގެ ބައިވެރިޔާ އަށް ހޮވައިފިން. އޭނާގެ އިއުތިރާޒެއް ނެތިއްޔާ މިކަން މިއީ އެންމެ މުހިންމުކަން މަށަށް." ޔޫނުސްގެ މި ވާހަކައިން ނީލާ ލަދުން ރަތްވި އެވެ. އަދި ވަގުތުން ތެދުވެގެން ބައްޕަ ކައިރިއަށް ދިޔަ އެވެ.
"ބަައްޕަ އަޅެ ހާދަ ރަނގަޅޭ. ބައްޕަ ތީ ދުނިޔޭގަ ވާ އެންމެ ސްވީޓް ބައްޕަ." ނީލާ އުފަލުން ޔޫނުސްގައިގައި ބައްދާލުމަށް ފަހު ގޮސް އިށީނެވެ. އެ ވަގުތު ސަލީމް ވެސް އައިސް އިށީނެވެ.
"ސަލީމް. ކަލޭގެ މައިންބަފައިން ކޮބާތަ؟" ރަހްމާން މަޑުން ނީނދެވިގެން އަހާލި އެވެ. ރަހްމާން އަކީ ވަހީދާގެ ބޭބެއެކެވެ. އޭނާ ވެސް މަސައްކަތް ކުރަނީ އެ ފެކްޓަރީގަ އެވެ.
"އަޅުގަނޑަކީ ޔަތީމަކީން. އަޅުގަނޑު ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވެއްޖެ. އަޅުގަނޑު ބަލާ ބޮޑުކުރީ މާމަ. މިދިޔަ އަހަރު މާމަ ވެސް ނިޔާވެއްޖެ. އަޅުގަނޑަކީ އަމިއްލަ ގެދޮރު ހުރި މީހެއް ވެސް ނޫން. " ސަލީމް ލޯ ފޮހެލި އެވެ.
"ސަލީމް ނުރޮއި ހުއްޓާލާ. މީގެ ފަހުން ތިޔައީ ޔަތީމެެެއް ނޫން. އަހަރެންގެ ދޮށީ ދަރިފުޅު މި ވަގުތު ވީ އިނގިރޭސިވިލާތުން އަންނަ މަހު އައުމާ އެކު އަހަރެން ސަލީމް އާ އަހަރެންގެ ދަރިފުޅު ނީލޫ ކައިވެނި ކުރުވާނަން. އަދި ތިޔައީ އަހަރެންގެ ދަރިއަކަށް ހަދާނަން." ޔޫނުސް ސަލީމް ގެ އަތުގައި ހިފާލަމުން ބުނެލި އެވެ.
"އަސްލު އަޅުގަބޑަަށް ނޭނގެ ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް. އަޅުގަނޑު ކަހަލަ އެއްވެސް ވާލެއްއިޔާރެއް ހައިސިއްޔަތެއް ނެތް ނިކަމެތި މީހަކަށް ތިޔަ ދެއްވި ގަދަރު މިއީ ހުވަފެނުން ވެސް އަޅުގަނޑަކަށް ފެނުނު ކަމެެއް ނޫން." ކަރުނަވީ އަޑަކުން ސަލީމް ބުނެލި އެވެ.
"މީހާގެ ހައިސިއްޔަތަކީ މީހާގެ އުޅުން. ސަލީމްގެ މާތް އަޙްލާޤު ފެނިފަ އަހަރެމެން މިގޮތަށް ނިންމީ. އެކަމަކު ތިޔަ ކައިވެނީގަ އަހަރެންގެ ޝަރުތެއް އެބަ އޮތް." ވަހީދާ ވެސް ވާހަކަ ދައްކަން ފެށި އެވެ. އެންމެން ސުވާލުގެ ބެލުމަކުން ވާހީދާ ދިމާލަށް އެނބުރުނެވެ.
"އަހަރެންގެ ޝަރުތަކީ ނީލޫ އުޅެން ޖެހެނީ ކައިވެނީގެ ފަހުން ސަލީމް އާ އެކު މި ގޭގަ. އެއްބަސްތަ؟"
"އަޅުގަނޑު ދެން ބުނާނީ ކިކޭތޯ؟ އަޅުގަނޑު ހަމަ ގަބޫލް." ނިލާއަށް ބަލާލަމުން ސަލީމް ބުނެލި އެވެ. ނީލާ އުފަލުން ވަރެއް ނެތެވެ.
އުނައިސް ވަރަށް އަވަދިނެތި ރާއްޖެ ދިޔުމުގެ ތައްޔާރީތައް ކުރަމުން ދަނީ އެވެ. އެއް ފޮށިގަނޑަށް ފަހު އަނެއް ފޮށިގަނޑު ބަންދު ކުރުމުގައި އުޅެމުން ދިޔަ އެވެ. އެވަގުތު އޭނާގެ ކޮލެޖްގެ އެކުވެރި ކުއްޖަކު ވަނެވެ.
"އަސްތާ އުނައިސް ކޮންހާ ފޮށިގަނޑުތަކެއް؟"
"މިއީ އަހަރެންގެ ކޮއްކޮގެ ކައިވެންޏަށް އަހަރެންް މިކޮޅުން ގަތް ސާމާނު."
"ކޮއްކޮ ދެކެ ހާދަ ލޯބިވާ ބޭބެއެކޭ. ބޭބެގެ ލޯބިވެރިޔާ ވެސް މިއަދު ފުރާ ވާހަކަ ދެއްކި."
"ހަމަ ރަނގަޅަށް…އަސްތާ ފަލާހް މަށަށް ދެން މަސައްކަތެއް ނުކުރެވޭނެ. މަ މި ދަނީ އެ މަންޖެ އާ ސަލާމް ކުރަން. ފޮށިގަނޑުތަށް ބަންދު ކުރުން ކަލެއަށް." ފަލާހް މިދިން ތާޒާ ހަބަރުން އުނައިސް މުޅިން އަވަދި ވި އެވެ.
އަވަސް އަރުވާލާފައި ޖިންސު ލަމުން ޓީޝާޓް ވެސް ފަތި ފުށުން ލައިގެން އޭނާ ކޮޓަރީ ދޮރުން ކުއްލިއަކަށް ނިކުތީ ފަހަތް ބަލަމުން ފަލާހް އާ ވާހަކަ ދައްކަމުންނެވެ.
އެވަގުތަކީ ހީނާ ވެސް އެހެން ކުދިންނަށް ބައި ކިޔަމުން ފަހަތަށް ފަހަތަށް ބޭރަށް އައި ވަގުތެވެ. ހީނާ އާއި އުނައިސް ޖެހިފައި ދެމީހުން އެކަކު އަނެކަކުގެ ގައިމައްޗަށް ވެއްޓުނެވެ. ހިނދުކޮޅަކަށް ދެ މީހުން ދެ މީހުންގެ ލޮލުގެ ތެރެއަށް ފީނައިގެން ތިއްބެވެ. ވީ ތަދު ވެސް މިހާރު އެ މީހުން ހަނދާނެއް ނެތެވެ. ފަލާހު ވެސް އަޑު ގަދަވެގެން ދޮރު ހުޅުވި އެވެ. ފެނުނު މަންޒަރުން ބާރަށް ހޭން ފެށި އެވެ.
އެތަނަށް އެހެން އަންހެން ކުދިންނާއި ފިރިހެން ކުދިން ޖަމާވެ ހެމުން ގެންދިޔަ އެވެ. ކުއްލިއަކަށް ހީނާ އަށް ހޭވެރިކަން ވެގެން ތެދުވި އެވެ. އެވަރުން އަދިވެސް އުނައިސް އިޝްގީ ގޮތަކަށް ހީނާއަ ށް ބަލަމުން ދިޔައެވެ. ދެ މީހުން ތެދުވެވުނީ އެކުގައި ކަހަލަ ގޮތަކަށެވެ.
ހީނާ އެނބުރިލިތަނާ އޭނާގެ ދިގު އިސްތަށިގަޑުން ބައެއް ވަނީ އުނައިސްގެ ޓީޝާޓްގެ ގޮށުގައި އެޅިފަ އެވެ. ވުމާއެކު އަނެއްކާ ވެސް ވީ ތަދުން ހީނާ އެނބުރިލި އެވެ އަދި ވަރަށް މަސައްކަތުން އިސްތަށިގަނޑު ނެއްޓުވިއެވެ. އެކަމަކު ވެސް އިސްތަށިކޮޅެއް ގޮށުގައި ހަރުލާފަ ހުއްޓެވެ.
"މަށެއް މި ޓިޝާޓް ނުވެސް ލާނަން ނުވެސް ދޮންނާނަން. ހާއި މީގަ މިހިރީ ހާދަ ލޯބި އިސްތަށި ކޮޅެކޭ. އައިލަވް ދިސް."
އުނައިސްގެ މި ލާނެއްކަން ފެނިފައި ހީނާ ވަރަށް ރުޅިއަ އެވެ.
"ކޮން ނަމެެއް ކިޔަނީ؟" އުނައިސް ހީނާގެ ފަހަތުން ދަމުން އަހާލި އެވެ.
"މަގޭ ނަން އެހުމުގެ ބެނުމަކީ ކޮބާ؟"
"ހާއި…އަޑު ވެސް ހާދަ ފުރިހަމައޭ. ﷲ ތި މަންޖެ ހެއްދެވީ ކޮން ކަހަލަ މައުދަނަކުންތަ؟ ދެން ބުނެބަލަ ކޮން ނަމެއްތަ ކިޔަނީ؟"
ހީނާ ދެން ވެސް ޖަވާބެއް ނުދީ ގޭޓާ ދިމާލަށް ދަމުން ދިޔަ އެވެ.
"އޭ މިހިރަ ދާ ބޮޑާ އަންހެން ކުއްޖާ. އެޓްލީސްޓް ނަންބުނެފަ ދޭބަލަ."
"އޭ މިހިރަ މީހާ އަހަރެންގެ ކުރި ނުބައްދާ. އަހަރެންނަށް މަޑެއް ނުކުރެވޭނެ."
"ތިގޮތަށް ލޯ އެލިޔަސް ތިޔަ ރީތިކަމަށް އަންނަނީ ފުރިހަމަ ކަމެއް."
"ކުރިމަތިން ދުރު ނުވަންޏާ ލޯ އަޅާނަން."
"ދެން ބޮޑާ ނަހާކާ ނަން ބުނެބަލަ ޕްލީޒް"
"ކަލޭ ކަހަލަ އާވާރާ މަޖުނޫން އިން ރާއްޖެ އިން ފުރައިގެން މި ގައުމަށް އައިސް ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް އުޅޭތީ ލަދުން ބޯ ހަލާކު އިނގޭ."
(ނުނިމޭ)