ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ މީހުން ދާން ޖެހޭނީ ޖަލަށް ކަމަށް ވިދާޅުވެ އެފަދަ ފަރާތްތަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އިންޒާރު ދެއްވައިފިއެވެ.
ޕީޖީ ހުސައިން ޝަމީމް އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅުގައި އެންމެ ބާރުގަދަ ފާރަތަކަށް ވެގެން ދާނީ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ކަމަށެވެ. ޝަމީމް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ ކަމަށްވާ ނަމަ އެފަދަ މީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރުމުގެ ފުރިހަމަ ބާރު ގާނޫނީ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ މީހެއްގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރުމަށްފަހު ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކޮށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެމީހަކު ޖަލަށް ލެވޭނެ ކަމަށެވެ. އެހެންކަމުން ކޮވިޑް19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ މީހުންނަށް އޮތީ ތެދަށް ވާހަކަ ދެއްކުން ކަމަށާއި ނޫން ނަމަ އެމީހަކު ދާން ޖެހޭނީ ޖަލަށް ކަމށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހަކު ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ފުރިހަމަ މައުލޫމާތު ނުދޭ ކަމަށާއި އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
މަބްރޫކް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުމުން ވެސް އެމީހާ މައުލޫމާތު ނުދީފިނަމަ އޭނާގެ ޒާތީ މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށެވެ.
"މި ގޮތުންވެސް އެކަށީގެންވާ އެެއްބާރުލުން ނުލިބިއްޖެނަމަ މިރޭގެ ޕްރެސްގެ ކުރިން އެމީހާއާ ބެހޭ ޒާތީ މައުލޫމާތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، އޭނާގެ ޒާތީ މައުލޫމާތު ހާމަކުރާނެ އިނގޭތޯ" މަބްރޫކް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ، ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަ ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މީގެ ތެރެއިން އެއް ބޭފުޅަކު އަޅުގަނޑުމެންނަށް ބެލެވޭ ރަނގަޅު މައުލޫމާތު ފުރިހަމައަށް ދެއްވަމުން ނުގެންދަވާ ކަމަށް. އެކަމާ ގުޅިގެން ކޮންޓްރެކްޓްރޭސިންގެ މަސައްކަތް އަދިވެސް އިތުރަށް ކުރިއަށް ގެންދަންޖެހޭ" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލިމީހުންނާއި އެޗުޕީއޭ އިން އެކަހެރިކޮށްފައި ތިބޭ މީހުންގެ ތެރެއިން ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރުމުގެ ބާރު ލިބިދޭ ގަވާއިދު ދާދިފަހުން ވަނީ ގެޒެޓްކޮށްފައެވެ.