Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

ރާއްޖޭގެ ސިއްހީ ހިދްމަތްތެރިންނަށް ފުރައްސާރަ އެބަކުރޭ: ހެލްތު ޔުނިއަން

ރާއްޖޭގެ ސިއްހީ ހިދްމަތްތެރިން ، ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑް-19 ފެތުރި މުޅި ރާއްޖެ ބިރުވެރިކަމެއްގައި ވަނިކޮށް ސިއްހީ ހިދްމަތްތެރިންނަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ހެލްތު ޕޮރޮފެޝަނަލްސް ޔުނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.

ހެލްތު ޔުނިއަންއިން ކުރި ޓްވީޓެއްގައި ބުނީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި، އެތަކެއް ޤުރުބާނީތަކެއް ވަމުން އަންނަ ސިއްހީ ހިދްމަތްތެރިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ހެލްތު ޔުނިއަން އިން ބުނީ ސިއްހީ ހިދްމަތްތެރިން ދިރިއުޅޭ ގޭގެ ވެރިފަރާތާއި، މުޖްތަމައު ތެރެއިން ސިއްހީ ހިދްމަތްތެރިންނަށް ފުރައްސާރަ ކުރަމުން އަންނަކަމަށެވެ.

"މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި، އެތަކެއް ޤުރުބާނީ އެއްވަމުންދާއިރު، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ! ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަަށަވަރުކޮށް ދިނުމަށް ގޮވާލަމެވެ." ހެލްތު ޔުނިއަންގެ ޓްވީޓުގައި ބުނެފައިވެއެވެ.

"ގެއިން ނުކުތުމަށް އެންގުން، ރަގަޅީ ވަޒީފާއަށް ނުދިއުން ކަމުގައި ބުނުން، ނުދާން އެންގުން! މިއީ މި ޕެންޑެމިކްގައި މަސައްކަތްކުރަން ނުކުންނަ، ހިދުމަތްތެރިންނަށް ދިމާވަމަމުންދާ ކަންކަން! މިކަމަކީ، އެމީހުންގެ ނަފްސާނީ ދުޅަ ހެޔޮކަމަށް އަސަރުކުރުވާ ކަންކަން!"

ހެލްތު ޔުނިއަންއިން ބުނީ މިފަދަ ނާޒުކު ވަގުތެއްގައި ބައެއް ސިއްހީ ހިދްމަތްތެރިން ގެއިން ނުކުތުމަށްވެސް އަންގަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށްވެސް ހެލްތު ޔުނިއަންއިން ވަނީ ބުނެފައެވެ.