މާލޭގައި ކޮވިޑް-19 ފެތުރެމުން އަންނަ އިރު ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް އައްޑޫން ނެގި ހުރިހާ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް އައްޑޫ ކޮވިޑް ޓާސްކް ފޯސް ޑެސްކުން ބުނެފިއެވެ.
އައްޑޫ ކޮވިޑް-19 ޓާސްކު ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ އައްޑޫން ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާ ކަމަށެވެ.
ސާތު ވިދާޅުވީ އިއްޔެ 7 ސާމްޕަލެއް ޓެސްޓު ކުރުމަށް ފޮނުވި އިރު އޭގެ ތެރޭގައި ކުރިން ޓެސްޓު ކުރި މީހެއްގެ ދެވަނަ ސާމްޕަލް ހިމެނޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް، އަދި 24 ގަޑި އިރު ފަހުން ދެވަނަ ސާމްޕަލްތަކެއް ނަގާނެ" ސާތު ވިދާޅުވިއެވެ.
ސާތު ވިދާޅުވީ މިހާތަނަށް ނެގި ސާމްޕަލް ނެގެޓިވް ވިޔަސް ކޮންމެ އިރެެއްގައިވެސް ހާލަތު ބަދަލުވެދާނެތީ، ރައްކާތެރިވުމުގެ ގޮތުން މިހާރު އައްޑޫ ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭކަމަށެވެ. އެގޮތުން ގޭގައި މަޑު ކުރުމަށާއި، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެެއްގައިވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓައި ސާފު ތާހިރު ކަމަށް ސަމާލު ކަން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މާލެއިން ކޮވިޑް-19އިގެ ފުރަތަމަ ކޭސް ފެނި އަދި އެކޭސް އާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންއަށް ހިތަދޫ ނޫމަސްވާދީ މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އަދި އެގެއިން ނެގި ދެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.
ކޮވިޑް-19އިގެ ރައްކާތެރިކަމުގެ ގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއިން އައްޑޫއަށް ދަތުރުކުރި އެންމެން ގޭގައި ކަރަންޓީނުވުމަށް ވަނީ އަންގާފައެެވެ. އަދި އައްޑޫ ސިޓީގެ އެެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، އެއް ރަށުން އަނެއް ރަށައް އަރައި ފުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އިއްޔެ ހަވީރު 5 އިން ފެށިގެން އައްޑޫގައި އާއްމު ވިޔަފާރި ކުރުން ވަނީ މަނާކޮށްފައެވެ. މިހާރު އައްޑޫގައި ވިޔަފާރި ކުރެވެނީ އޯޑަރުދީގެން ޑެލިވަރީ ސާވިސްއެވެ.