މާލޭގައި ކޮމިޔުނިޓީ ސްޕްރެޑް ފެށުނީ މީގެ ތިން ހަފްތާ ކުރިން ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ލަފާ ކަމާބެހޭ އިދާރާތަކަށް ދޭ ޓެގުގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާއްމުންގެ ތެރޭގައި ބަލި ނުފެތުރޭކަން ކަށަވަރު ކުރުމުގެ ގޮތުން މާލެ ސިޓީގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކުތަކަށް ދައްކަމުން ދިޔަ މީހުން ކޮވިޑް19 އަށް ޓެސްޓު ކުރަމުން ދިޔަ ކަމަށެވެ. ހާއްސަކޮށް ފްލޫ ކްލިނިކް އަދި ސެނަހިޔާ އަށް ދެއްކި މީހުން އެ ބައްޔަށް ޓެސްޓު ކޮށްފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ސަވަޔަލަންސް އިން ވެސް މިހާތަނަށް ވެންޓިލޭޓަރަށް ލާންޖެހޭ މީހެއް ޕޮޒިޓިވްވެފައި [ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން] ނުވާތީ އަޅުގަނޑު ބޮޑަށް ލަފާކުރަނީ މީގެ 2-3 ވީކްސް ވެއްޖެއޭ ފެތުރިގެން އުޅޭތާ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެއިން ކޮވިޑް19 ފެނިފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރެން ފަށައިފި ނަމަ ކަންކަން މެދުވެރިވެގެން ދާނެ ގޮތްތަކުގެ ދިރާސާއެއް ހަދަމުން ދަނިކޮށް ކަމަށެވެ. މާލެއިން ކޮވިޑް19 އެންމެ ފުރަތަމަ ފެނުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެއީ މި މަހުގެ 15ވަނަ ދުވަހުއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެދުވަހުން ފެށިގެން އިއްޔެ ނިޔަލަށް 39 މީހަކަށް މާލެއިން ވަނީ ކޮވިޑް19 ބަލި ޖެހިފައެވެ.
މިހާތަނަށް ރާއްޖެއިން 4201 މީހަކު ކޮވިޑް19 އަށް ސާމްޕަލް ނަގާފައިވާއިރު 3860 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް 67 މީހަކު ކޮވިޑް19 ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 344 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.