ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު އަނބުރާ ގައުމަށް ގޮސްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ހެނދުނު އަނބުރާ އެގައުމަސް ގޮސްފައިވާ ކަމަށެވެ.
އެމީހުން ރާއްޖެއިން ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއަރފޯސް މަތިންދާބޯޓުގައެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެންގާ ހިންގާ މަސައްކަތުގެ ދަށުން ކުރެވެނު މަސައްކަތެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެގެން 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.
އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސް މަތިންދާބޯޓުން ރާއްޖެ ވަނީ ދެ ގައުމެއްގައި ތިބި ދިވެހިންތަކެއް ގެނެސްދީފައެވެ. އެއީ ބަންގްލަދޭޝްގައި ތިބި 53 ދިވެހިންނާއި ނޭޕާލްގައި 18 ދިވެހިންނެވެ.