އައްޑޫގެ އާއްމު ވިޔަފާރިތަކުން ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަގަ ކުރެވޭކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ކައުންސިލުން މިއަދު ނެރުނު އިއްލާނެއްގައި ބުނެފައިވަނީ އައްޑޫގެ އާއްމު ވިޔަފާރިތަކުން ޑެލިވަރީގެ ހިދްމަތް ފޯރުކޮށްދެމުން ދަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިހާލަތުގައި ވިޔަފާރިކުރުމަށް ގޭބިސީތަކުން ބޭރަށް ނުކުތުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫންކަމަށެވެ. އަދި އެހެންވެ ރައްޔިތުން ޑެލިވަރީގެ ހިދްމަތް ބޭނުންކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލުން ވަނީ ޑެލިވަރީ ކުރުމާއި ޑެލިވަރީއަށް ގުޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފައެވެ.
ވިޔަފާރިތަކުންނާއި މުދާ ބަލައިގަންނަ ފަރާތުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:
1. އެގެއަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދައި ހަވީރު 18:00 ގެ ކުރިން ނުވަތަ އެވިޔަފާރިއަކުން ކަނޑައަޅާ ގަޑިތަކުގައި ޑެލިވަރީކޮށްދިނުމަށް އޯޑަރކުރުން.
2. ވިޔަފާރިތަކުން އެދުވަހަކަށް ލިބިފައިވާ ޑެލިވަރީ އޯޑަރުތައް ލަސްނުކޮށް އެގެއަކަށް ފޯރުކޮށްދިނުން.
3. ޑެލިވަރީކުރަނީ ޕެރިޝަބަލް ތަކެތި ކަމުގައިވާނަމަ އެތަކެތީގެ ހާލަތު އޯޑަރުކުރާ ފަރާތަކަށް އެންގުން.
4. ކޮންމެ ގޭބިސީއަކުން ފިހާރައަކަށް އެއް އޯޑަރަށްވުރެ ގިނަ އޯޑަރު ދުވާލަކަށް ނުކުރުން.
5. މީގެ އިތުރުން ޑެލިވަރީކޮށްގެން ލިބޭތަކެއްޗާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުން.
އައްޑޫ ކައުންސިލުން ވަނީ ޑެލިވަރީގެ ހިދްމަތް ރަޖިސްޓްރީ ކުރުމަށް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާފައެވެ. އަދި މީގެ ދެ ދުވަސް ކުރިން ވަނީ އާއްމު ވިޔަފާރި އައްޑޫގައި ކުރުން މަނާކޮށްފައެވެ.