ކޮވިޑް19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެތަކެތި ރާއްޖެއަށް ހަވާލުކުރުމަށް މިއަދު ހެނދުނު މާލޭ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއި، ޚާރިޖީ ވަޒީރު އޭ.ކޭ އަބްދުލްމޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ފޮރިން މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އަދި ކޮވިޑް19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ޙާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ޝާހިދު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދު ފޯރުކޮށްދިން އެހީގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް މިއަދު ވަނީ ފާހަގަކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައި ކޮމިޝަނަރ ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.