ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް ހުއްދަ ނެތިއް އިއްޔެ ބޭރަށް ނިކުތް 15 މީހަކު ވަނީ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެއްވެސް ހުއްދައަކާއި ނުލާ އިއްޔެ ބޭރަށް ނިކުތް 15 މީހަކު ހައްޔަރުކޮށް 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި 15 މީހުންނަކީ ކުށް ތަކުރާރު ކުރި މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ. މަގުމައްޗަށް މީހުން ނިކުތުން މަނާކޮށްފައި ވަނިކޮށް އިއްޔެއަކީ އެންމެ ގިނައިން މީހުން ބޭރަށް ނިކުތް އެއް ދުވަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ އެންމެ ގިނަ މީހުން ޖޫރިމަނާކުރީ މާލެއިންނެވެ. އެގޮތުން މާލެއިން 82 މީހަކު ޖޫރިމަނާ ކުރިއިރު ހުޅުމާލެއިން ޖޫރިމަނާކުރީ ހަތަރު މީހެކެވެ. އަދި ވިލިމާލެއިން 9 މީހަކު ޖޫރިމަނާކުރިއެވެ.
މިގޮތަށް ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމާފައިވަނީ 1،000 ރުފިޔާ އިންނެވެ.
މާލެއިން ކޮވިޑް-19 އަށް މީހުންތަކެއް ޕޮޒިޓިވް ވަމުންދާތީ ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި މަގުތަކަށް ނިކުމެ އުޅޭ މީހުންނަށް ދެން ނަސޭހަތެއް ނުދޭނެ ކަމަށާއި ދެން ވަގުތުން ކުރާނީ ޖޫރިމަނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.