ދާދިފަހުން މާލޭގެ ގެއެއްގައި ދިރިއުޅެމުން ދިޔަ ވެމްކޯގެ މުވައްޒަފަކު ގެއިން ނެރެލީ އެކުންފުނީގައި މަސައްކަތް ކުރަމުން ދާތީ ނޫން ކަމަށް ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާއާ އަދި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި އެ ކުންފުނީގެ މުވައްޒަފަކު ދިރިއުޅެމުން ދިޔަ ގެއިން ނެރެ މަގުމަތިކުރި ކަމުގެ ހާދިސާގައި ކަން ހިނގާދިޔަ ގޮތް ބެލުމަށް ވަކި ކޮމެޓީއެއް ނަގައިގެން އެ ކުންފުނިން ބަލާފައިވާނެ ކަމަށެވެ. އަދި އެ މުވައްޒަފާއި އެ މުވައްޒަފު ދިރިއުޅުނު ގޭގެ ވެރި ފަރާތާއި ވެސް ބައްދަލުކޮށްފައިވާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އިން ބުނީ އެކަން ބެލި ބެލުމުން އެކަމަކީ އެ މުވައްޒަފު ވެމްކޯގައި މަސައްކަތް ކުރާތީ ކުރިމަތިވި ކަމެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން އަދި ކަމުގެ ހަގީގަތް އޮޅޭނެހެން ސޯޝަލް މީޑިއާގައި އާއްމު ނުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ކަމުގެ ހަގީގަތް ނުބަލާ ސޯޝަލް މީޑިއާގައި މި މައްސަލަ އާއްމުކުރި ކުންފުނީގެ މުވައްޒަފުންވެސް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ އަރިހުން މައާފަށް އެދިފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލާގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އަމަލެއް ސޯޝަލް މީޑިއާގައި ނުހިންގުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.