މާލޭއިން ބޭރުން ހއ. އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާ އިރު މި ބަލި ދެން މިސްރާބު ޖަހާނީ ރާއްޖޭގެ ރަށްތަކަށް ކަމަށް ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް ކަމަށާއި މާލެއާއި ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިންކަމަށެވެ. އަދި އެއީ ރަށް ދަންނަ މީހުން ކަމަށާއި، ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަން ޖެހޭ ކަމަށެވެ.
ފައިސަލް މިފަދައިން ވިދާޅުވި އިރު އުލިގަމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ އާއި ގުޅިގެން ހއ. ހދގެ ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެެނެސްފައެވެ. އަދި އެމީހާ އާއި ކޮންޓެކްޓުވި މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.
އެޗްޕީއޭއިން މިމަސައްކަތް ކުރަމުން އަންނަ އިރު ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ގެންދަން ޖެހެނީ މާލެއަށެވެ. އަދި މި ކޭސް އާއި ގުޅިގެން ސާމްޕަލް ނުނަގާ ގިނަ ބަޔަކު ތިބުމާއި ގުޅިގެން މިހާރު އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
މާލެއިން މިހާތަނަށް ކޮވިޑް-19 އަށް 75 މީހަކު ޕޮޒިޓިވްވެފައިވާ އިރު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 91 އަށް އަރާފައެވެ.