ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް އަކަށް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަައިވެރިވެވަޑައިގަންނަވާތީ އެމްޑީޕީގެ މެންބަރު އަދި މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާފައި ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ޖަލްސާގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހަގީގަތުގައި ވެސް ނިޒާމީ މައްސަލައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން ނުކުރެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން ވަރަށް އާދޭހާއި އެކު އެދިވަޑައިގަންނަވާ ކަމަށެވެ.
ޝަރީފުގެ ވާހަކަ ހުއްޓުވާލެއްވުމަށްފަހު ނަޝީދު ވަނީ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. މަޖިލީހުގެ ބަހުސްތަކުގައި ނަޝީދު ވާހަކަދައްކަވާތީ އިދިކޮޅު މެންބަރުންވެސް ވަނީ މީގެކުރިން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި މިހާތަނަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެއްވެސް ބޭފުޅަކު އެފަދައިން ކަންކަން ކުރައްވާފައި ނުވާތީ ވެސް ގިނަ ބަޔަކު އަންނަނީ އެކަމާއި ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު މަޖިލީހުގެ ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.