ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ކުރާ ގޮތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެހެންކަމުން ގޭގައި ކަރަންޓީން ކުރަންޖެހޭ ހާލަތަށް ތައްޔާރުވާން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކަރަންޓީން ކުރުމާއި އަދި ޕޮޒިޓިވްވާ ފަރާތްތަކާއި ދެތެރޭގައި ކަންކުރާ ގޮތާއި އެފަރާތްތަކުގެ ފަރުވާއާއި ދޭތެރޭ އިތުރަށް ގެންނަން ޖެހޭ ބަދަލުތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ހުރިހާ ރައްޔިތުންވެސް ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވެގެން ތިއްބެވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފަރުވާދޭންޖެހޭ ހާލަތަށް ނުދާ އެހެން ނަމަވެސް އާންމު ހާލަތުގައި ދިރިއުޅޭ މީހުން އެބަ ތިބި ކަމަށެވެ. އެފަދަ ފަރާތްތަކުގެ ހާލަތު ނާޒުކުވެގެންދާނެ ވަގުތަކަށް ޑޮކްޓަރުން ތައްޔާރުވެ، ފަރުވާދޭން ޖެހޭ ހާލަތަށް ތައްޔާރުވެގެން ތިބި ކަމަށާއި އެމީހެއްގެ ހާލަތު ކްރިޓިކަލް ވެއްޖެ ހާލަތެއްގައި ފަރުވާދެވެނޭ ގޮތްތަކާއި ދޭތެރޭ އަމަލު ކުރަން ޖެހޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.