ކޮވިޑް-19 އާ ގުޅިގެން ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ މުސާރައާ ފަނޑިޔާރުންގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ސަލީމް ވަނީ ފަނޑިޔާރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައް އެންމެ ކުޑަވެގެން ވެސް 20،000 ރުފިޔާއާ ހަމައަށް ކުޑަ ކުރުމަށް ގޮވާލައިފައެވެ. އަދި އެއަށްވުރެ ބޮޑު ނުވާ ގޮތަށް ހެދުމަށްވެސް އޭނާ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލުގައި ތިބި މީހުންނަށް ކާ ނުދީ މުސާރަތައް ނުދީ އަދި ކޮވިޑް19 އިން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ނުކޮށް ނުތިބެވޭނެ ކަމަށެވެ. މި ހަރަދުތައް ފިޔަވާ އެހެން ހުރިހާ ހަރަދެއް ކޮށްގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ވިޔާރިތައް ފުނޑިގެން ދާނެ ކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރެޑްވޭވް ފިހާރައިގެ އޯނަރު ސަލީމް ވިދާޅުވިއެވެ. ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި އެކު ރާއްޖޭގެ ވިޔަފާރިތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި ހީނަރުކަމެއް އައިސްފައެވެ. ސަރުކާރުން ވަނީ ވިޔަފާރިތައް އަރައިގަތުމަށް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ.
މުސާރަތައް ކުޑަ ކުރުމަށް ގޮވާލާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ދައުލަތުގެ ހުރިހާ ސިޔާސީ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންގެ މުސާރަ 20 ޕަސެންޓު ވަނީ ކަނޑާލައިފައެވެ.