Last Updated: November 24, 05:46
Sunday, November 24, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 3، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަހަރެން ތިގޮތަށް ހިއެއް ނުކުރަން" ހީނާ ރޯން ފެށި އެވެ. އެވަގުތު ތާނިޔާ އަށް އެތަނަށް އާދެވުނެވެ.

"ކިހިނެއް ވެގެންތަ މި އުޅެނީ؟ ދޮންބެ ކޮންމެވެސް ކަމެއް ކުރީދޯ؟"

"އައްޗި ތީ އަންހެން ކުދިންގެ އެންމެ ކަޑަ ތަންކޮޅަކީ. އެއްޗެކޭ ބުނާއި ރަށް ރޯން ފަށާނެ. ދެން ތިބި ބަޔަކު ބިރު ގަންނަ ވަރަށް. ދެން މަވީ މާފަށް އެދެން. އެހެން ނޫނަސް މިހާރު ތި ހާކާފަ އޮތްހާ މޭކަޕް ތިއޮތް ފައިބަނީ، އަވަހަށް ހުއްޓާލާ. މޭކަޕާ ނުލާ ވެސް ކަނބުލޮ ވަަރަށް ރީތި ވެދާނެ." އުނައިސް މިހެން ބުނާ އިރަށް ހީނާ ކުރިއަށް ވުރެ ބާރަށް ރޯން ފެށި އެވެ.

"ކަލޭ ހީކުރަނީ ކަލޭތީ މާ ސްމާޓް މީހެއް ކަމަށްތަ؟ އަދި ފެންނަ ކޮންމެ އަންހެނަކު ކަލެޔާ ހެދި ދީވާނާ ވެދާނެ ކަމަށްތަ؟"

"އޮފްކޯޒް. މިސް ނޭމްލެސް އަހަރެން ސްމާޓްވީމަތާ ގިނަ ކުދިން ފޭސްބުކުން ވެސް އަހަރެން އެޑްކޮށްފަ ހުންނާނީ. ޖަސްޓް ޗެކް އިނގޭ."

"އަހަރެންގެ ނަމަކީ ހީނާ…ކޮން ނޭމްލެސްއެއް ކިޔާކަށް."

"ނޭމްލެސްއެއްނު ކިޔާނީ ނަން އެހި ދުވަހު ނަމެއް ނުބުނި. ތިމާ ވަރުގެ ތުއި މީހަކު ނެތިގެން. ކުރިން ވެސް ބޮޑާނުވެ ބުނިނަމަ ވީހެއްނު."

"ކަލެއަކަށް ނޭނގޭ އަންހެން ކުދިންނާ ވާހަކަ ދައްކާކަށް ވެސް…ދޯ؟"

"އާނ…ތީ ރަނގަޅު ވާހަކައެއް. އުޅެއުޅެ ވެސް މަށަށް އަންހެން ކުދިންނާ ވާހަކަ ދައްކާކަށް ނޭނގުނު. އެކަމަކު ދަސް ކުރާނަން."

އެ ވަގުތު ތާނިޔާ އާއި އައިޝާ ހީނާ ގޮވައިގެން ބައްޕަގެ ކެބިން އަށް ވަނެވެ. އުނައިސް ވެސް ހެމުން ދިޔައީ އެވެ.

"ހީނާ ދެން ބުނެބަލަަ ކިހިނެެއް އަސްލުވީ؟ ބޭބެ އާ ދެ މީހުން ކޮން ހަނގުރާމައެއް؟" ތާނިޔާ ސުވާލު ކުރި އެވެ.

"އަހަރެންނަށް އޭރަކު ނޭނގޭ އެއީ ތި މީހުންގެ ބޭބެކަމެއް ހާދަ ހެއްވާ މީހެކޭ އެކަމަކު. އަހަރެންނަށް ތައުރީފް ކޮށްފަ އަނެއްކޮޅުން އަހަރެން ރޮއްވާލާފަ އެ ދިޔައީ،" ހީނާ ރޮމުން ރޮމުން ޝަކުވާ ކުރި އެވެ. ހީނާގެ ދެ ފަރާތުގައި ތިބެގެން އައިޝާ އާއި ތާނިޔާ، ހީނާ މަސަލަސް ކުރެވޭތޯ އުޅުނެވެ.

"އަސްލު ބޭބެގެ ހިތެއް ނުބައެއް ނުވާނެ. ދެން ފާޑެއްގެ ބޮޑާ ގޮތެއް ހުންނަނީ ދޯ އައިޝާ…ދެން އެެހެން ނޫނަސް އޭނަ ވަރަށް ނޯޓީވާނެ. އަޅާލާ އެއްޗެއް ނޫނޭ." ތާނިޔާ ބުންޏެވެ.

"ދެން ކޮންމެހެން ބޭބެ ރަނގަޅު ކުރާނެ ކަމެއް ނެތް. މި ފަކީރަށް ހާދަ އެއްޗެއް ދެންމެ ކިޔާލާފައޭ އެ ދިޔައީ. މަ ނަމަވެސް ދެރަވެ ރޮވޭނެއެއްނު." ކަރުނަތައް ފޮހެމުން ހީނާ ކުޑަ ކުއްޖެއްހެން ބުންޏެވެ.

"އަހަރެން އަދި މި އައީ ނީލޫ އަށް ހަދިޔާ ހިފައިގެން ކިހިނެއް އެނގޭނީ މުޑި ޖެހޭނީ އެ ފޮނި މީހާގަނޑާ ކަމެއް؟"

"އަސްލު ލޯބީގެ ފެށުމަކީ ނަފްރަތު…ދެން ބަލައްޗޭ ގޮތް." ތާނިޔާ އަނެއްކާ ވެސް ހީނާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.

"އައްޗީޑި ދެން މަށެއް ނޫޅެން….މި މީހުން ވެސް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް. ވަރަށް ފޫހިވޭ. އަން މީގަ ހިފާ. މަ ހަވީރު ހަފްލާއަށް އަންނާނަން. މިހާރު ނުހުރެވޭނެ މޫޑް ވަރަށް ގޯސް." މިހެން ބުނަމުން ހީނާ ދިޔައީ އެވެ.

ތާނިޔާ އާއި އައިޝާ ބާރުލާފައި ނީލާ ކައިރިއަށް ދިޔަ އެވެ.

ކުލަ ގަދަ ހަފްލާއަކަށްް ފަހު ނީލާ އާއި ސަލީމްގެ ކައިވެނި ކުރެވުނެވެ. ގިނަ އަދަދެއްގެ މެހްމާނުން ޕާޓީ އަށް އައެވެ. ކައިވެނީގެ ފަހުން ސަލީމް ވެސް ނީލާމެންގެ އަށް ބަދަލު ވީއެވެ. ސަލީމްމެންގެ ހަނީމޫން ކަންތައް ވެސް ފުރިހަމަކޮށް ދިނީ ޔޫނުސް އެވެ.

ނިއުޒިލެންޑްގެ ފެހި ވާދީތަކުގައި އެއް މަސް ދުވަސް ހޭދަ ކުރުމަށް ފަހު، އެ މީހުން މިއަދު އެނބުރި މާލެ އަ އެވެ.

އުނައިސް އާ ނީލާ އާއި ސަލީމް ހެނދުނު ގެ ސަޔަށް އިންސާފު ކުރަން ތިއްބެވެ. ޔޫނުސް ވެސް އެ މީހުންނާ ބައިވެރި ވެލި އެވެ.

"ބަލަ މިހާރު މި ގޭގަ ވަކިވަކިންތަ ކައިބޮއި އުޅެނީ؟" ޔޫނުސް ކާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

"ނޫނޭ ބައްޕާ…އިރު އަރައިގެން އަންނަ ވަގުތު އަވީގަ ކޮފީ ބުއިމުގެ މަޖާކަން ލިބި ގަންނަނީ އަޅުގަނޑުމެން ދޯ ދޮންބޭ؟" ނީލާ ވަގުތުން ޖަވާބު ދިނެވެ.

(ނުނިމޭ)