ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ބައެއް ކުންފުނިތަކުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މަސައްކަތުގައި ޗައިނާ ކުންފުނިތަކުން ފޯރުކޮށްދެނީ މަސައްކަތް ކުރާ މުވައްޒަފުންނާ ބައެއް މެޝިނަރީޒްތައް ކަމަށެވެ. ޗައިނާ ކުންފުނިތަކުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެނީ މިހާރުވެސް ރާއްޖޭގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން، ސަރުކާރުން އިތުރު ޚަރަދެއް ނުކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކަކީ ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ޕްރޮޖެކްޓްތަކެއް ކަމަށާއި ޗައިނާގެ ކުންފުނިތަކުން ފޯރުކޮށްދިން އެހީތެރިކަމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
Sincerely thank the construction companies from China assisting the Maldives to build much-needed temp. quarantine facilities at this critical time. I am certain that, as we race against time to contain #covid19, Chinese expertise and speed will be an immense help to our nation! https://t.co/bax6ffchvc
— Abdulla Shahid (@abdulla_shahid) April 27, 2020
އަދި ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޗައިނާގެ އެކްސްޕަޓީޒް އަދި ހަލުވިކަމުން ރާއްޖެއަށް ފައިދާކުރާނެކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާ ކުންފުންޏަކުން މީގެ ކުރިން ވަނީ ކޮވިޑް19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ ފެސިލީޓީގައި ފާހާނާބަރިއެއްވެސް ހިލޭ ގާއިމްކޮށްދީފައެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީ ނިންމުމުގެ މަސައްކަތުގައި އެހީތެރިވުމަށް ބީޔޫސީޖީގެ 40 މުވައްޒަފުން އެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މީގެއިތުރުންވެސް އިތުރު ބައެއް ފެސިލިޓީތަކުގައި ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.