ރާއްޖޭގެ 10 ރިސޯޓެއްގައި 50 ގައުމެއްގެ ފަތުރުވެރިން އަދިވެސް އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 10 ރިސޯޓުގައި ތިބި 50 ގައުމެއްގެ ރައްޔިތުން ކަމަށެވެ. އެ މީހުން އެނބުރި އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެކުރިން ވެސް ސަރުކާރުން ވަނީ ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ގައުމުތަކަށް ދިއުމުގެ ހުއްދަ ދީ އެކަމުގައި އެހީތެރިވެފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި ފަތުރުވެރިންގެ ވެސް އާއްމު ހާލަތު ރަނގަޅު ކަމަށެވެ. އަދި އެ ފަތުރުވެރިންގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެނބުރި ގައުމަށް ދާން ބޭނުންވި ނަމަވެސް ކޮވިޑް19 ގެ ސަބަބުން ނުދެވިފައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާއި އެހެނިހެން މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 214 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.