Last Updated: November 27, 17:56
Wednesday, November 27, 2024
ޚަބަރު

ފެސިލިޓީސްތަކާއި ގުޅޭ ކޮރަޕްޝަނެއް ނޯންނާނެ: އަލީ ވަހީދު

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތައްޔާރުކުރަމުންދާ ކަރަންޓީނު ފެސިލިޓީތަކާއި، ކަރަންޓީނު ކުރުމަށް ނަގާފައިވާ ރިސޯޓުތަކާއި ގުޅުވައިގެން ކަރަޕްޝަންގެ އިނގިލި ދިއްކުރާނެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެމްއީއޯސީ)އިން މިއަދު މެންދުރު ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީ އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ބޮލަކަށް 750 ރުފިޔާގެ ރޭޓުން މީހުން ކަރަންޓީނު ކުރަމުންދާކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ވަނީ ސާފުކޮށްދެއްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓުތައް ނަގާފައިވަނީ އެ މުއްދަތުގައި ރިސޯޓު އެގްރިމެންޓު ސަސްޕެންޑު ކުރުމަށްފަހު ކަމަށެވެ. އަދި ފެސިލިޓީތަކުގައި ޗާޖު ކުރަނީ ކޮންމެ ކޮޓަރިއެއް 750 ރުފިޔާގެ ރޭޓުންނެވެ. ނަަމަވެސް ބޮލަކަށް 750 ރުފިޔާގެ ރޭޓުން ޗާޖު ކުރަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެެވެ.

"ފެސިލިޓީސްތަކާ ގުޅުވައިގެން ކޮރަޕްޝަންގެ އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެ. ކޮންމެ އޮފީހަކަށް ވަދެ ބެލިޔަސް އެ ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާލަން އެނގޭ އެއްވެސް ފެސިލިޓީއެއް މެނޭޖްކުރުމުގައި ކޮރަޕްޝެއް ނުހިމެނޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ފެސިލިޓީތަކަށް ހަރަދު ކުރެވިފައިވާ އަދަދުގެ ތަފްސީލު ނޫސްވެރިންނާއި ހިއްސާ ކުރައްވާނެކަމަށެވެ. އަދި އޭރުން މިކަމުގައި ހުރި އޮޅުންތައް ސާފުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 560 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި އަދަދުގެ ތަފްސީލު ސާފު ނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ކަރަޕްޝަންގެ އިނގިލި ދިއްކުރަމުންނެވެ.