Last Updated: November 27, 09:25
Wednesday, November 27, 2024
ޚަބަރު

ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އެންގި މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އަދި އިލްމުވެރިންގެ ލަފާގެ މަތިން 14 މެއި ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއި، ތަރާވީސް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލުކުރުމަށް އަންގާ ކަމަށެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.