މާލޭގައި ކޮވިޑް-19 ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު ތަފާތު ސަބަބު ތަކާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ޓެސްޓު ކުރުމެއް ނެތި އައްޑޫއަށް ގެނެސް ގެއަށް ދޫކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫއަށް އެއްވެސް ތަނަކުން އަންނަ ބައެއް ނަމަ އެބަޔަކު 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އާސަންދައިން ފަރުވާ ހޯދުމަށް މާލެއަށް ދިޔަ މީހުންގެ ތެރެއިން 9 މީހަކު މީގެ ދެރޭ ކުރިން އައްޑޫއަށް ގެނެސްފައިވާ އިރު އެމީހުން ހޯމް ކަރަންޓީނަށް ފޮނުވާފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ހޯމް ކަރަންޓީނަށް ދޫކޮށްލާފައިވަނީ މަރަދޫފޭދޫގެ ދެ ގެއަކާއި، ހިތަދޫގެ ދެ ގެއައްގެ ބައެއް ކަމަށެވެ. އަދި އެމީހުން ގޭގައި ކަރަންޓީނުކޮށްފައިވާ އިރު އެގެތައް ކަރަންޓީނު ކުރެވިފައިވާ ކަން އެނގޭނެ ނޯޓިސް ޖެހިފައިވާ ކަމަށެވެ. އަދި މިއިން އެއްވެސް ބަޔަކު ކަރަންޓީނުގެ އުސޫލާއި ހިލާފުވެއްޖެނަމަ ވަކިން ކަރަންޓީނު ފެސިލިޓީއަށް ގެންދާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އާސަންދައިން ފަރުވާއަށް ދިޔަ ބަޔަކު އައްޑޫއަށް ގެނެސް ގެއަށް ދޫކުރި އިރު ދެން އިތުރު ބަޔަކު ހޯމް ކަރަންޓީނަށް ދޫކޮށްފައި ނުވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެއް ރަށުން އަނެއް ރަށައް މީހުން ދަތުރު ކުރުމާއި، އާއްމު ވިޔަފާރި ކުރުން ވަނީ މަނާކޮށްފައެވެ. އަދި 3 މީހުންނަށްވުރެ ގިނައިން އެއްކޮށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މާލެއިން އައްޑޫއަށް މިވަގުތު ދަތުރުކުރަނީ ކާގޯ ފްލައިޓުތަކެވެ. މި ބޯޓު ތަކުގައި ކަރަންޓީނު ފެސިލިޓީ ތަކުގައި ތިބި މީހުން ޓެސްޓު ކުރުމަށްފަހު އައްޑޫއަށް ވަނީ ގެނެސްފައެވެ.
މާލެއިން ބަޔަކު ހޯމް ކަރަންޓީނަށް ދޫކޮށްލާފައިވާތީ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މާލެއަކީ މިވަގުތު ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ ތަނަކަށްވީއިރު އެތަނުން އެއްވެސް ބަޔަކު މިވަގުތު އައްޑޫއަށް ގެނައުން ރައްކާތެރި ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އައްޑޫ ކައުންސިލަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.