ހއ. ތަކަންދޫ އިން ކޯވިޑް-19 އަށް ތިން މީހަކު ޕޮސިޓިވް ވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިއުލާން ކޮށްފިއެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން 117 މީހަކު ކޮވިޑަށް ޕޮސިޓިވް ވެފައިވާއިރު ގިނައީ ބިދޭސީ މީހުންނެވެ. ނަމަވެސް އެއީ ހުސް މާލެއިން ޕޮސިޓިވްވި މީހުނެވެ.
ތަކަންދޫން ތިން މީހަކު ޕޮސިޓިވް ވެފައިވާއިރު އެ ތިން މީހުންނަކީ ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެރަށަށް ދިޔަ ތިން މީހެކެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކާއި އޭނާގެ މަންމަ އަދި އިތުރު އަންހެނަކު ހިމެނެއެވެ. މިބޯޓުން 36 މީހަކު އެރަށަށް ގޮސްފައިވާއިރު ހުރިހާ އެންމެންގެ ސާމްޕަލް ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.
ހއ. އުލިގަމުން ވެސް ކޮވިޑް އަށް ޕޮސިޓިވްވީ މިބޯޓުން އެރަށަށް ދަތުރު ކުރި މީހެކެވެ.
ރާއްޖެއިން މިހާތަނަށް 471 މީހަކު ކޮވިޑަށް ޕޮސިޓިވް ވެފައިވާއިރު ގިނައީ މާލެއިން ޕޮސިޓިވްވާ މީހުންނެވެ. މާލެއިން ބޭރުން މިބަލި ފެނިފައިވަނީ އުލިގަމާއި ތަކަންދޫގެ އިތުރުން ށ. ނަރުދޫ، ށ. މިލަންދޫ އަދި މާލެ އަތޮޅު ތުލުސްދޫ އިންނެވެ.
ކުރިއަށް އޮތީ މިބަލީގެ އެންމެ ނުރައްކާތެރި ދުވަސްވަރު ކަމަށާއި ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރު ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވާތީ އެޗްޕީއޭއިން ވަނީ ވީހާވެސް ބޮޑަށް ބޭރަށް ނިކުމެ އުޅުން މަދު ކުރުމާއި ގިނަ ގިނައިން އަތް ދޮވެ ސާފުތާހިރުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.