ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓުވެފައިވާ ސިފައިންގެ 5 މީހެއްގެ ސާމްޕަލް އައްޑޫން ނަގާފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ސޯބެ ވިދާޅުވީ ރޭ އައްޑޫން 18 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެ 18 ސާމްޕަލްގެ ތެރޭގައި ސިފައިންގެ 5 މީހެއްގެ ސާމްޕަލް ހިމެނޭކަމަށެވެ.
ސޯބެ ވިދާޅުވީ ސާމްޕަލް ނެގިފައިވާ އެމްއެންޑީއެފްގެ މީހުންނަކީ ބައްޔަށް ޕޮޒިޓިވްވި މީހުންތަކެއްގެ ޕްރައިމަރީ އަދި ސެކެންޑްރީ ކޮންޓެކްޓުންނެވެ.
މީގެ އިތުރުން ރޭ ނެގުނު 18 ސާމްޕަލްގެ ތެރެއިން 11 ސާމްޕަލް އަކީ "ނިއުލައިން" ބޯޓާއި ގުޅުންހުރި ސާމްޕަލްތަކެއް ކަމަށް ސޯބެ ވިދާޅުވިއެވެ. އެގޮތުން ނިއުލައިން ބޯޓު މާލެއިން ފުރިތާ މިއަދަށް 14 ދުވަސް ހަމަވާތީ އެ ބޯޓު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން އިއްޔެ އެ ބޯޓުގެ މުވައްޒަފުން ސްކްރީން ކުރިއިރު ދެ މީހެއްގެ ފަރާތުން ހުމުގެ އަސަރު ފެނިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. އަދި އެ ބޯޓު މިހާރު އަލުން މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އައްޑޫން 46 ސާމްޕަލެއް ނަގާފައިވާ އިރު މިހާތަނަށް އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްވެފައި ނުވެއެވެ.