* މަސްގަނޑަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
1/3 ޖޯޑް ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
2 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
½ ޖޯޑް ލުނބޯ ހުތް
1 ދަޅު މަސް
1 ޖޯޑު ހުނި ގާނާފައި
ލޮނު
މަސްގަނޑު ތައްޔާރު ކުރާނެ ގޮތް:
ފިޔާ، މިރުސް އަދި ހިކަނދިފަތް ރަނގަޅަށް މޮޑެލާށެވެ. އޭގެ ތެރެއަށް ލޮނު އަޅާފައި ލުނބޯ ހުތް ވެސް އަޅާލާފައި އިތުރަށް މޮޑޭށެވެ. އެއަށް ފަހު މަސްދަޅު (ރަނގަޅަށް ފެލާފައި) އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު އެންމެ ފަހުން ހުނި އަޅާފައި އެއްކޮށްލާށެވެ. މަސްގަނޑުން ކުޑަ ގުޅަ ހަދާށެވެ.
* ފުށްގަނޑަށް ބޭނުންވާ ތަކެތި:
3 ޖޯޑު ފުށް (ފުރާނާފައި)
1 ސައިސަމުސާ ލޮނު
1/3 ޖޯޑް ތަރުކާރީ ތެޔޮ
ހޫނު ފެން
ފުށްގަނޑު ތައްޔާރު ކުރާނެ ގޮތް:
ފުށް، ލޮނު އަދި ތެޔޮ އެއްކޮށްފައި އޭގެ ތެރެއަށް ހޫނުފެން އަޅާފައި ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. އެއަށް ފަހު ފުށްގަނޑުން ކުޑަ ގުޅަ ހަދާށެވެ.
* ހަވާދުގަނޑަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
2 ސައިސަމުސާ ހަވާދު
2 މޭޒުމަތީ ސަމުސާ ޓޯމާޓޯ ޕޭސްޓް
2 މޭޒުމަތީ ސަމުސާ ތެޔޮ
ލޮނު
ހަވާދުގަނޑު ތައްޔާރު ކުރާނެ ގޮތް:
ތެޔޮ އަޅާފައި ތަވާ އުނދުން މައްޗަށް އުދާފައި، ތެޔޮ ހޫނުވީމާ އޭގެ ތެރެއަށް ފިޔާ، ހިކަނދި ފަތް، ލޮނު އަދި މިރުސް އަޅާފައި ދޭފަތިން ހަލަމުން ގެންދާށެވެ.
ފިޔާ މޯޅިވީމާ ގާނާފައިހުރި ލޮނުމެދު އަޅާފައި އެއްކޮށްލާށެވެ. ދެން ހަވާދުކޮޅު ވެސް އަޅާފައި އިރުކޮޅެއް ވަންދެން ދޭފަތިން ހަލަމުން ގެންދާށެވެ.
ހަވާދުގަނޑު ރޯފިލީމާ އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް އަޅާފައި ރަނގަޅަށް އެއްކޮށްފައި ރޯ ފިލަންދެން މަޑުގިނި މަތީގައި ބަހައްޓާށެވެ.
ހަވާދުލީ ބިސް ތައްޔާރު ކުރާނެ ގޮތް:
ފުށްގުޅަތައް ތުނިކޮށް ވަށްކޮށްފައި އޭގެ ތެރެއަށް މަސްގުޅަތައް އަޅާފައި، ވަށައިގެން ކޮޅު ރަނގަޅަށް ބައްދާލާފައި ބިސްތައް އޮމާންކޮށްލާށެވެ.
ހުރިހާ ބިހެއް ހަދައި ނިމުނީމާ ގާތްގަނޑަކަށް 8 ޖޯޑު ފެން އުނދުން މައްޗަށް އުދާފައި ކައްކާށެވެ. ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ބިސްތައް އަޅާފައި 5-8 މިނެޓަށް ކައްކާށެވެ.
ކައްކާ ނިމުނީމައި ބިސްތައް ނަގާފައި ކުރިން ތައްޔާރުކުރި ހަވާދުގަނޑުގެ ތެރެއަށް އަޅާފައި، ހަވާދުގަނޑާއި އެކު ރަނގަޅަށް އެއްކޮށްލާށެވެ.