އެޕްރީލް 30 ވަނަ ދުވަހުގެ ރޭ އައްޑޫން ނެގި 18 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫން އެންމެ ފަހުން ނެގި 18 ސާމްޕަލަކީ ހުޅުދޫ "ނިއުލައިން" ބޯޓުންގެ 11 ފަޅުވެރިންގެ ސާމްޕަލާއި، އެމްއެންޑީއެފްގެ 5 މީހެއްގެ ސާމްޕަލްގެ އިތުރުން ރިސޯޓަކުން އައި މީހަކާއި، ކޭސް 21 އާއި ގުޅޭ ޑައިރެކްޓް ކޮންޓެކްޓެއްގެ ތިންވަނަ ސާމްޕަލްއެވެ.
މި ހުރިހާ ސާމްޕަލެއްގެ ނަތީޖާ މިއަދު ލިބިފައިވާ އިރު ހުރިހާ ނަތީޖާއެއް ނެގެޓިވްކަމަށް ސޯބެ ވިދާޅުވިއެވެ.
އައްޑޫން މިހާތަނަށް ޖުމްލަ 46 ސާމްޕަލެއް ނަގާފައިވާ އިރު ހުރިހާ ސާމްޕަލްގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ.
މިވަގުތު އައްޑޫގައި ކަރަންޓީނުގައި 17 މީހަކު ތިބި އިރު މޮނީޓަރިންގެ ހާލަތުގައި އެއް ގެ ހުރިކަމަށްވެސް ސޯބެ ވިދާޅުވިއެވެ. އަދި އައްޑޫގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ދޫގަސް ގައި 18 ކޮޓަރި އެބަހުރި ކަމަށާއި ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގެސްޓް ހައުސްތައް ހަމަޖެހިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ކޮމިއުނިޓީ ސްޕްރެޑެއް އައްޑޫގައި ފެތުރުނަ ނުދިނުމަށް ކަމަށާއި މިކަން ހާސިލުކުރެވޭނީ ހަމައެކަނި ކޮވިޑްގެ އޮޕަރޭޝަން ސެންޓަރުގައި ތިބި މީހުން އެކަނި މަސައްކަތް ކޮށްގެން ނޫން ކަމަށެވެ. އެގޮތުން މިކަން ހާސިލުކުރެވޭނީ ރައްޔިތުން ވެސް އެއްބާރުލުން ދީގެން ހަދާފައި ހުރި ގަވާއިދުތަކަށް އަމަލުކޮށްގެންކަން ސޯބެ ފާހަގަކުރެއްވިއެވެ.