ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ނުރައްކާތެރި ކޮވިޑް19 ފެތުރެމުން އަންނަ ވަގުތު ކަމަށާއި މި ދަނޑިވަޅުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުމުން މީހުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އަސަރު ކުރުވާ ކަމަށެވެ. ރައީސް ވަނީ މި ދަނޑިވަޅުގައި އެއްވެސް ބިރެއް ނެތި މަސައްކަކަތް ކުރާ މިނިވަން މީޑިއާތައް ވަރަށް މުހިއްމު ކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ވަރަށް ފަހަތުގައެވެ. ހާއްސަކޮށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ އެތަކެއް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
ރާއްޖެ 2018 ވަނަ އަހަރު އޮތީ 120 ވަނައިގައެވެ. މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދާ ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 79 ވަނައިގައެވެ.