ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލާ އެގައުމުން ކަނޑުބޯޓެއް ފޮނުވަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖެ އާއި އިންޑިއާއިން ވެސް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލައި ބޯޓެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެ ބޯޓު ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮޗިން އަށެވެ. އެމީހުންގެ ސްޓޭޓް ނުވަތަ ސިޓީތަކަށް ދިއުމުގެ ހުއްދަ ދެވޭނީ ކޮޗިންގައި އެމީހުން 14 ދުވަހުގެ ކަރަންޓީނެއް ކުރުމަށްފަހުއެވެ.
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ބަލައި އަންނަ ބޯޓުން ޖާގަ ދިނުމުގައި އިސްކަންދޭނީ ހައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ތެރެއިން ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ހައިކޮމިޝަނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި ވަޒީފާ އަދާ ކުރަމުން ދިޔަ އިންޑިއާ ރައްޔިތުންގެ ތެރެއިން މިވަގުތު ވަޒީފާ ގެއްލިފައި ތިބި މީހުންނަށް ވެސް އިސްކަން ދޭނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 527 އަށް އަރާފައިވާއިރު އިންޑިއާގެ 52 މީހަކަށް މިހާތަނަށް ވަނީ ރާއްޖެއިން ބަލިޖެހިފައެވެ.