ނޯޓް: މިއީ ޕޮލިސް ކޯޕްރަލް އާތިފާ ޙަސަން އޮގަސްޓް 4، 2013 ގައި ފުލުހުންގެ ވެބްސައިޓްގައި ލިޔެފައިވާ އާޓިކަލެކެވެ. އާތިފާއަކީ ސ. ފޭދު އަށް ނިސްބަތްވާ ޒުވާނެކެވެ.
————————————————————————————-
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސް ހިސާބުތަކުން ވެސް އެނގޭ ގޮތުގައި ޖިންސީ ގޯނާގެ މައްސަލަތައް އެއިގެ ކުރީ އަހަރުގެ ރަމަޟާން މަހުގެ އެ މުއްދަތަށް ވުރެ 60 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
މިއީ ހަމައެކަނި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތަފާސް ހިސާބެއް ނޫން ކަމުގައި ވިޔަސް އެއިގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނާ މެދު ހިންގާފައިވާ ބަދުއަޚްލާޤީ މައްސަލަތައް ކަމުގައި ދަންނަވަން ކެރިދާނެ އެވެ. ހަމައެހެންމެ ފާއިތުވި ހަފްތާގެ ކޮންމެ ދުވަހަކުހެން މިފަދަ މައްސަލަތައް މީޑިއާގައި ވެސް ރިޕޯޓްކުރެވިގެން ގޮސްފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް އަންނަ ބަދަލުތަކަކީ ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު މީހުންގެ ހޭލުންތެރިކަން އިތުރުވަމުން ދިއުމާ ގުޅިގެން އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ހަމައަށް ތިލަވާ ނިސްބަތް އިތުރުވުން ކަމުގައި ވެސް ބެލެވި ދާނެ އެވެ.
އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް އަންނަ ބަދަލެއް ނޫނެވެ. އެކަމަކު އެންމެ ކުއްޖަކަށް ވެސް ޖިންސީ އަނިޔާއެއް ކުރިމަތިވުން އެއީ ކަންބޮޑުވުމެކެވެ.
ކޮންމެއަކަސް ވިސްނާލުން މުހިއްމު ނުކުތާއަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ލިބެމުންދާ ޖިންސީ ގޯނާތަކުން އެކުދިން ރައްކާތެރި ކުރަން ޖެހޭކަމެވެ.
ޖިންސީ ޝިކާރައަކަށްވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ސިއްޙީ ގޮތުން ލިބޭ ގެއްލުންތަކަކީ އެއިގެ ސަބަބުން އެ ކުދިންގެ މުޅި މުސްތަޤުބަލަށް އެއިގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށްވީ ހިނދު އެކުދިން ރައްކާތެރި ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެވެ.
މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ބެލެނިވެރިންނެވެ. އެއީ ކުޑަކުދިންނާއެކު އެންމެ ގިނަ ވަގުތު ހޭދަކޮށް ކުދިންގެ އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައް އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއްބަޔަކީ ބެލެނިވެރިން ކަމުގައިވާތީއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ބެލެނިވެރިންނަށް ގިނަގުނަ ފިޔަވަޅުތައް އެޅިދާނެއެވެ. އެގޮތުން އެކުދިންނާއެކު ވަގުތު ހޭދަކުރުމާއި ކުދިންނާ ގާތްގުޅުމެއް ބޭއްވުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.
ކުދިންގެ ހަށިގަނޑަކީ އެ ކުދިންގެ އެއްޗެއް ކަމާއި އެއްވެސް މީހަކު އެ ކުދިންގެ ހަށިގަނޑުގައި އަތްލައިގެން ނުވާ ތަނެއްގައި އަތްލައިފި ނަމަ ބުނަން ވާނެ ކަމާއި އަދި އެފަދަ ކަމެއް މީހަކު ކުއްޖަކާ މެދު ހިންގުމަކީ އެކުދިންގެ މައްސަލައެއް ނޫންކަން ބުނެދީ އުމުރާ ގުޅޭ ގޮތުން ހޭލުންތެރިކުރަން ވާނެ އެވެ.
ވަކިން ޚާއްޞަ ގޮތެއްގައި އެފަދަ އެއްވެސް ކަމެއް ހިނގި ނަމަވެސް އެފަދަ ކަމެއް ހިނގީ އެ ކުދިންގެ ކުށަކުން ނޫންކަން ވަރަށް ސާފުކޮށް ކުދިންނަށް ބުނެދޭން ވާނެ އެވެ.
މިފަދަ މައްސަލަތަކުގެ ވާހަކަތައް ކިޔައިދިނުމަކީ ކުދިންނަށް ވަރަށް އުނދަގޫކަމަކަށްވާނެތީ ކުދިންގެ މިޒާޖުތަކަށް އަންނަ ބަދަލުތަކަށް ބެލެނިވެރިން ސަމާލުވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.
ނަފްސާނީ ޢިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި ރިއްސުމާއި ބިރުގެންފަ ހުރުމާއި ކުއްލި ކުއްލިއަށް ރުޅި ގަދަވުމާއި ތަންމައްޗަށް ކުޑަކަމުދިޔުން ފަދަ ކަންކަމަކީވެސް މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފަރާތުން ފެންނާނެ ބައެއް ނިޝާންތަކެވެ.
މީގެ އިތުރުން ވެސް ތުއްތު ކުއްޖަކު ކުރަހާ ކުރެހުމަކުން ޖިންސީ ކަމެއް ފާހަގަވިޔަސް އަދި އުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ހުރުމަކީ ވެސް ބެލެނިވެރިން އެކަމާމެދު ވިސްނައި އިތުރަށް ބަލަން ޖެހޭނެ ކަމެކެވެ.
ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ހާނިއްކަ އެންމެ އާންމުކޮށް ކުރިމަތިވެފައި ހުންނަނީ އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން ނުވަތަ ގެއަށް އައިސްއުޅޭ ކޮންމެ ވެސް ދެކެފަރިތަ މީހެއްގެ ފަރާތުންކަން ފާހަގަ ކުރެވެ އެވެ.
އަދި އެފަދަ ކަމެއް ހިނގުމުގެ ކުރިން އެފަދަ ކަމެއް ހިންގަފާނެ ކަމުގެ ހިލަމެއްވެސް ގިނަފަހަރަށް ވެފައެއް ނުވެއެވެ. މިގޮތަށް މިކަން ދިމާވަނީ އެއްވެސް މީހެއްގެ ފަރާތުން ތިމާގެ ދަރިފުޅަށް ހަޤީޤަތުގައި ވެސް އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ގިނަ ބެލެނިވެރިންނަށް ޤަބޫލު ނުކުރެވުމެވެ.
އެހެނަސް ޤަބޫލު ކުރަންވީ ހަޤީޤަތަކީ ޖިންސީ ގޯނާއަކީ ކޮންމެ ވަގުތަކު ކޮންމެ ކުއްޖަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމެވެ. އެއީ ވަކި ޙަސަބަކަށް ނުވަތަ ވަކި ފަންތިއެއްގެ މީހަކަށްވީތީ ނުހިނގާނެ ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ.
ޖިންސީ ހާނިއްކަ ލިބިފައިވާކަން އެނގިއްޖެ ނަމަ އެފަދަ މައްސަލަތައް ފުލުހުންނަށް ނުވަތަ ކަމާބެހޭ އެހެން ފަރާތަކަށް ރިޕޯޓްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެއީ އެފަދަ ކުށްކުރި ފަރާތްތަކަށް އެފަދަ ދެވަނަ ފުރުޞަތެއް ނުދިނުމަށް އެކަންޏެއް ވެސް ނޫނެވެ. އެފަދަ ކުށެއްގެ ޝިކާރައަށްވި ކުއްޖާއަށް ފަރުވާ ހޯދުން އެއީ އަދި މާ މުހިއްމު ކަމަކަށްވީތީ އެވެ.