ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދަންމާ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި މިރޭ ބުނީ ނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް މަޖިލީހުން ފާސްކުރާ ގާނޫނަކުން ގާނޫނުއަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމުގެ ސަބަބުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ހާއްސަ ބިލަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާއިރު އެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަށް ހުރަސް އެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭ ނަމަ އެކަމުގެ ފަރުވާ ހޯދަން ޖެހޭ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވެސް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނުވަތަ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަކީވެސް އެކަމުގެ ފަރުވާ ލިބިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމުގެ ސަބަބުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައި ހުރި އުސޫލުތަކާއި އަސާސްތައް ގަޑުބަޑު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި އެ ބިލަކީ ގާނޫނުއަސާސީއަށް ގޮންޖަހާ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގައި، އެޕާޓީން ބޭނުންވާ ގޮތަށް އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
އިދިކޮޅުން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބުތަކުގެ އުސޫލުތަކާއި ތައާރަޒުވާ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ލިބިފައިވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނުއަސާސީ އަށް ގޮންޖަހާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.