ދެހާސް ތޭރަވަނަ އަހަރުގެ ދެވަނަ ދުވަހު، ސަރުކާރުން ވަނީ މާލެސިޓީ ކައުންސިލް އުވާލުމަށް ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށް ހުށަހަޅާފައެވެ. އޭގެ ފަހުން އެލްޖީއޭ އިން އާންމު ކުރި ރިޕޯރޓުން ދައްކާގޮތުގައި، ލާމަރުކަޒީ ޤާނޫނުން މާލޭސިޓީ ކައުންސިލް ކުރުމަށް ލާޒިމްކޮށްފައިވާ ގިނަ ކަންކަން ވަނީ ފުރިހަމަ ނުވެފައިއެވެ. ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ 11 ވަނަ ބާބު ގެ ދަށުން ކުރަން ޖެހޭ ކަންތައްތައް ވަނީ ނުކޮށެވެ.
ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ ބާބުގައި ވާ ގޮތުން ގިނަ ކަންތައްތަކެއް ކައުންސިލުން ، އެލްޖީއޭ އަށް ރިޕޯރޓް ކުރަންޖެހެއެވެ. އޭގެ ތެރޭގައި ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް އެލްޖީއޭ އަދި ރައްޔިތުންނާއި ހިއްސާކުރަން ޖެހެއެވެ.
ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަކީ ކައުންސިލް ތަކުގެ މައްޗަށް ލާޒިމުކަމެކެވެ. މި މާއްދާގައި ވާގޮތުން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ކައުންސިލްތަކުން ބާއްވަން ވާނެއެވެ.
އަދި މި ބައްދަލުވުންތަކުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓާއި، މާލީ ރިޕޯރޓް އަދި އޯޑިޓް ރިޕޯރޓް ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން ކުރިޔަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެއެވެ. މީގެ އިތުރުންވެސް ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމު ކުރުމަށް މި ޤާނޫނު ލާޒިމު ކުރެއެވެ.
މާލެސިޓީ ކައުންސިލާއި، އައްޑޫސިޓީ ކައުންސިލުން ވެސް މިއިން އެއްވެސް ކަމެއް މިހާތަނަށްކޮށްފައި ނުވެއެވެ. ލާމަރުކަޒީ ޤާނޫނު ފަރުމާ ވެފައި ވަނީ ވަރަށް ބޮޑަށް ވެސް ދެފުށްފެންނަ ގޮތަށް ކަންތައް ކުރަންޖެހޭފަދަ ގޮތަކަށެވެ.އަދި ވީހާވެސް ބޮޑަށް ރައްޔިތުންގެ ބައިވެރިވުން އޭގައި ހިމެނުމަށް މި ޤާނޫނު ބާރު އަޅައެވެ.
ހިތާމައަކީ ކައުންސިލުން މި ޤާނޫނުގެ މި މާއްދާތަކަށް ކުޑަކޮށް ވެސް ބޯ ނުލަނބާކަމެވެ. މިފަދަ ކަން ކަމާއި ގުޅޭގޮތުން ކައުންސިލްތަކާއި ސުވާލު ކުރުމުން ކައުންސިލްތަކުން ކުށްވެރިކުރަނީ ސިޓީ ކައުންސިލް އޮފީހުގެ އިދާރީ މުވައްޒަފުންނެވެ. މިކަމުގައި ބަހަނާއެއްގެ ގޮތުގައި އެފަދަ މުވައްޒަފުންގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ވާހަކަ ދައްކާފައި އެބަ ހުއްޓެވެ.
ފެންނަން އޮތް ހަޤީގަތަކީ ކައުންސިލުން ކުރާ ގިނަ ކަންކަމުގައި މުވައްޒަފުންގެ ފުރިހަމަ އެއްބާރު ލުން ލިބޭކަމެވެ. އަދި ދޭހަވަނީ ރައްޔިތުންނަށް ދޭން ޖެހޭ މަޢުލޫމާތު ނުދެވިގެން އުޅެނީ ކައުންސިލް އިން ދޭން ބޭނުން ނުވާތީ ކަމެވެ.
މީގެ އިތުރުން ލާމަރުކަޒީ ޤާނޫނުގެ ފަސްވަނަ ބާބުގެ 42 މާއްދާ ގެ ދަށުން ކައުންސިލް އިން ރައްޔިތުންނަށް ދޭންޖެހޭ ގިނަ ޙިދުމަތްތަށް އަދިވެސް ނުދެވެއެވެ. މިގޮތުން ސިޓީގެ މަގުތަށް ބެލެހެއްޓުމާއި އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލުން ފަދަ ކަންކަން އެއްވެސް ގޮތެއްގައި ކުރެވޭ ތަނެއް ނުފެނެއެވެ.
އަދި ހަމަ އެހެންމެ ރަށް ގިރުން ހުއްޓުވުމަށް ފިޔަވަޅު އެޅުން ފަދަ މުހިންމު ކަންތައްތައް ކުރުން ޤާނޫނުން ލާޒިމް ކުރާއިރު އެއިން އެއްވެސް ކަމެއް އަދި މިހާތަނަށް ކުރެވިފައެއް ނެތެވެ. މީގެ އިތުރުން، ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބާތަށް ފާހަގަކުރުން ކައުންސިލް އިން ވަނީ މުޅީން ހެން "ބޮއިކޮޓް" ކޮށްފައެވެ.
ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް، މާލޭސިޓީ ކައުންސިލާއި އައްޑޫސިޓީ ކައުންސިލް އިން މިފެންނަނީ ދާދި އެއްގޮތް ކަންކަމެވެ. ޤާނޫނު ލާޒިމު ކުރާ ގިނަ ކަންތައްތައް ނުކުރެވި ދާ ތަނެވެ. އަދި ނުކުރެވި ހުރި ކަންތައްތައް ކުރަން އުޅުމުގެ ބަދަލުގައި، ކޮންމެވެސް އެހެން ބަޔަކުގެ ސަބަބުން އެކަންތައް ނުވާކަމަށް ދައްކައި އިތުރު ބަހަނާތަކެއް ދައްކާތަނެވެ. މާލޭސިޓީ ކައުންސިލް އުވާލަން ސަރުކާރުން ހުށަހަޅާފައިވާއިރު، އައްޑޫސިޓީ ކައުންސިލް އުވާލުމަށް ހުށަހެޅުމަކީ އަވަސް މުސްތަޤުބަލެއްގައި ނުވެ ނުދާނެ ކަމެއްކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.
ކައުންސިލްއެއް އުވާލުމަކީ އެންމެ ފަހުގެ މަރުހަލާއެވެ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައްޔިތުން ދެކެން ބޭނުންވާ ތަނެއް ނޫނެވެ. އެކަން އެހެން ވެއްޖެނަމަ، ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެ އިތުބާރު ގެއްލިގެންދާނެއެވެ. އަދި އަލުން އިންތިހާބުތަށް ބާއްވަން ރައްޔިތުންގެ ލާރިން އެތައް ގުނައެއް ޙަރަދުވާނެއެވެ. ޔަޤީނުންވެސް އައްޑޫސިޓީ ރައްޔިތުން އެދެނީ ، ކައުންސިލް އުވާލުމުގެ މަރުހަލާއަށް ދިޔުމުގެ ކުރިން، ކައުންސިލް އިސްލާހުވެ ޤާނޫނުގެ މަގަށް ރުޖޫއަވުމެވެ.