Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ކުލި ލުއި ކުރަން އެދޭ މީހުންނަށް އެޗްޑީސީން އިތުރު ފުރުސަތެއް

ހުޅުމާލެ

ކޮވިޑް19 އާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޭން ނިންމާފައިވާ ކުލީގެ ލުއިކަން ހޯދާ މީހުން ތެރެއިން، މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނިން ދޫކޮށްފައިވާ ފްލެޓާއި ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާއީ ބިންތަކަށް މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހު ދައްކަންޖެހޭ ކުލީގެ %30 ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މެއި މަހުގެ އިންސްޓޯލްމަންޓް ކުލީގެ %30 ފަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ކޮވިޑް19ގެ ހާލަތާއި ގުޅިގެން ފައިސާ ދެއްކުން ލަސްކުރުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ އީމެއިލް އެޑްރެސްCovidsupport@hdc.com.mv އަށް ފޮނުވުމަށް އެޗްޑީސީ އިން އެދިފައިވެއެވެ. އެ ފޯމު އެކޯޕަރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

ކޮވިޑް19ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާތީ، އާއްމު ފަރާތްތަކުން އެކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް އެޗްޑީސީ އިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކުމަށް އެކޯޕަރޭޝަންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު 003-134831-7701 ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓް ނަންބަރު 100-48000439-01-9901 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފައިސާ ދެއްކި ކަމުގެ ރަސީދު ފައިސާ ދެއްކި ފަރާތުގެ ނަމާއި ތަނުގެ ތަފްސީލް (އެޕާޓްމަންޓް ނުވަތަ ލޮޓް ނަންބަރު) އެގޭނެގޮތަށް 7290448 އަށް ވައިބާ ކުރުމުން އެ ކޯޕަރޭޝަނުން ބަލައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެކަމާ ގުޅޭ ތަފްސީލް އެ ނަންބަރަށް މެސެޖު ކުރުމުންވެސް ލިބޭނެ ކަމަށް އެޗްޑީސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.