Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

20،000 އިން މަތިން ލިބޭ މުސާރަތައް ކުޑަ ކުރަނީ

20،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށުން މުސާރަ ދޭ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަދި 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ 30 ޕަސެންޓު ކެނޑުމަށް ނިންމާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އޭގެ އިތުރުން 60،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ 35 ޕަސެންޓު މުސާރައިން ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާ ކަމަށެވެ.

މީގެއިތުރުން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރައިން 20 ޕަސެންޓު ކުޑަކުރަން މީގެކުރިން ނިންމާފައިވާ ކަމަށާއި ނަމަވެސް އެއަށް އިތުރު ބަދަލުތަކެއް ގެންނަން މިހާރު ނިންމާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ އެމްޑީ އަދި ޑީއެމްޑީންގެ އަސާސީ މުސާރައިން 22 ޕަސެންޓު އުނިކޮށް، އަދި ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާތީ އެމްޑީން އަދި ޑީއެމްޑީން އަށް ބޯޑު އެލަވެންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ މިހާރު ކަނޑާލާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"އެހެންވީމަ ޖުމްލަކޮށް އެމްޑީންނާއި ޑީއެމްޑީގެ މުސާރައިން ގާތްގަނޑަކަށް 32 ޕަސެންޓު ކެނޑިގެންދާނެ" އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މި ހާލަތުގައި އަސަރު ކުރީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް އެކަނި ނޫންކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ބޮޑެތި އަސަރުތަކެއްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުންފުނިތަކުގެ މުސާރަތަކަށް ގެނެވޭ ބަދަލުތައް ބަލަން ކޮންމެ ކުންފުންޏަކުން ކަނޑައަޅާ އެ ކަންކަން މިނިސްޓްރީއަށް ހިއްސާކުރުމަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.