Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ވަޒީފާއަށް ބަދަލުތައް އައިސްގެން 2000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

ޕީޖީ އޮފީސްގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާ ބިލްޑިންގ: ފޮޓޯ / ސަން

ކޮވިޑް19 އާއި ގުޅިގެން ވަޒީފާތަކަށް ބަދަލުތައް އައިސްގެން 2،000 އަށްވުރެ ގިނަ މީހުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވަޒީފާތަކަށް އަސަރު ކޮށްގެން އެކަމުގެ ޝަކުވާތައް ލިބުމާއި އެކު ޖޮބް ސެންޓަރަށް އެކަން އެންގުމަށް އަންގާފައިވާއިރު މިއަދާއި ހަމައަށް 2291 ފަރާތަކުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ ނޯޕޭ ލީވް ދިނުމާއި ގުޅިގެން 639 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ވަޒީފާއިން ވަކި ކޮށްގެން 571 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މުސާރަ ކުޑަކޮށްގެން 385 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ވަޒީފާއިން ސަސްޕެންޑު ކޮށްގެން 162 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން 280 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ދެހާހަށްވުރެ ގިނަ މީހުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާއިރު ކޮވިޑް19 އާއި ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް 5،000 ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފައްޔާޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެކަމާއި ގުޅޭ ހާއްސަ އުސޫލެއް މިއަދު ގެޒެޓު ކުރާނެ ކަމަށެވެ.

ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ އީފާސް ރެޖިސްޓްރޭޝަން ޕްރޮސެސް އެއްގެ ދަށުން ކަމަށާއި ނަމަވެސް ބައެއް މީހުންނަށް އެކަމުގައި ދަތިތަކެއް ކުރިމަތިވުމުން ނޯމަލްކޮށް ރެޖިސްޓްރީވާން ހުޅުވާލި ކަމަށްވެސް ފައްޔާޒު މިއަދު ވިދާޅުވިއެވެ.