ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ލޯނާއި އެހީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ލޯން އަދި އެހީގެ ގޮތުގައި ފައިސާ ހޯދުމަށް ކަމަށެވެ.
އެ ގޮތުން މިހާތަނަށް ލޯނާއި އެހީގެ ގޮތުގައި 290.87 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑު މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ބުނެފައިވާނެ 233 މިލިއަން ޑޮލަރު ލިބޭނެ ވާހަކަ، މިހާރު އެ އަދަދު މިވަނީ 290.87 އަށް އިތުރުވެފައި" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރު ހިންގުމަށް ވަގުތުން ވަގުތަށް ބޭނުންވާ ފައިސާ ހޯދުމަށް އެމްއެމްއޭއިން ހޯދާފައިވާ 4.4 ބިލިއަން ރުފިޔާގެ އޯޑީ ހަމަޖެހިފައިވީ ނަމަވެސް އެފައިސާ އަކީ އެއް ފަހަރާ ނަގައި ބޭނުން ކުރާނެ ފައިސާއެއް ނޫންކަމަށެވެ. އަދި އެ އޯޑީގެ ކަންކަން ހަމަޖައްސާނީ ސަރުކާރަށް ބޭރުން ލިބެން ހުރި އެހީ އާއި ލޯން ތަކުންނެވެ.
".. ބޭނުންވެއްޖެ ހިނދެއްގައި އެ ފުރުސަތު އިނގޭތޯ މިއޮތީ އަޅުނގަޑުމެންނަށް އެ ފުރުސަތު އޮންނަން އެބަޖެހޭ އެކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި، އެހެންވީމާ އަޅުގަނޑުމެން އެއް ފަހަރާ ގޮސް، އެއް އަހަރު ނިމޭއިރު އިނގޭތޯ ޝޯޓް އާންސާއަކީ އެއް އަހަރު ނިމޭއިރު ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކޮށްފަ އިންނާނީ ނިލް، ޒީރޯ" އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން 300 މިލިއަން ޑޮލަރުގެ ސްކޫކު ވިއްކުމަށް ބަޖެޓު ކުރެވިފައިވާ އިރު އެކަން ކުރިއަށް ގެންދާނެ ގޮތް ފަހުން ހާމަ ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ބޭރުން ރާއްޖެއަށް ލިބޭ އެހީގެ ތެރެއިން އޯޕކް ފަންޑުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 20 މިލިއަން ޑޮލަރާއި، އައިއެމްއެފްއިން ދޭ 28.9 މިލިއަން ޑޮލަރުގެ އިތުރުން ވޯލްޑު ބޭންކުން ދިނުމަށް ހަމަޖެހިފައިވާ 10 މިލިއަން ޑޮލަރު މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.