Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

މޯލްޑިވް ގޭސްގެ ހުޅުމާލެ ޑެލިވަރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މޯލްޑިވް ގޭސްގެ ޑެލިވަރީ ވެހިކަލެއް ޑިސްއިންފެކްޓު ކުރަނީ، އެކުންފުނީގެ ހުޅުމާލެ ޑެލިވަރީ މުވައްަޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި، ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ ހުޅުމާލޭ ޑެލިވަރީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލީ އިކުރާމް ވިދާޅުވީ އެކުންފުނީގެ ހުޅުމާލޭ ޑެލިވަރީގެ މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިކުރާމް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ރޭ ނަތީޖާ ލިބުމުން ކަމަށެވެ. މި މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ އާއި އެކު މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކުރާމް ވިދާޅުވިއެވެ.

އިކުރާމް ވިދާޅުވީ ކޮވިޑް-19 ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުމާއި އެކު އެކުންފުނިންވެސް ވަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެެވެ. އެގޮތުން މުވައްޒަފުން ތިބުމަށް ހާއްސަ ތަނެއް ގާއިމްކޮށް ކޮންމެ ދުވަހަކުވެސް ޑެލިވަރީއަށް ގެންދާ ފުޅިތަކާއި ގެންނަ ފުޅިތައް ޑިސްއިންފެކްޓު ކުރަމުން އަންނަ ކަމަށެވެ.

އިކުރާމް ވިދާޅުވީ މި މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ އާއި ކޮންޓެކްޓުވެފައި ބައެއް މުވައްޒަފުން ތިބުމާއި އެކު ކޮންމެވެސް ވަރެއްގެ ދަތިކަމެއް ޑެލިވަރީއަށް ކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކޮށް ހިދްމަތް ފޯރުކޮށްދޭނެކަމަށް އިކުރާމް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 648 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު 3 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އެއީ ދެ ދިވެހިންނާއި އެއް ބަންގުލަދޭޝްގެ ރައްޔިތެކެވެ.