ކޮވިޑް19 އާ ގުޅިގެން ޔޫރަޕްގައި ރާއްޖޭގެ ކަނޑުމަހަށް އޮތް ޑިމާންޑު ދަށްވެފައި އޮތުމަށްފަހު، ޔޫރަޕްގެ މާކެޓުތައް ހުޅުވުމާއި އެކު ރާއްޖޭގެ ކަނޑުމަހަށް އޮތް ޑިމާންޑު އިތުރުވާން ފަށައިފިއެވެ.
މޯލްޑިވްސް ސީފުޑްޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މީގެކުރިން 25 ރުފިޔާ އަށް ވިއްކި ބޮޑުކަންނެލި ކިލޯއެއްގެ އަގު 60 ރުފިޔާ އަށް ޔޫރަޕްގެ މާކެޓުތަކުގައި އަރާފައިވާ ކަމަށެވެ. އާއްމު ގޮތެއްގައި ދިވެހިންނަކީ މަސްވެރި ކަމަށް ރޯދަ މަހު އެހާ ގިނައިން ފުރާ ބައެއް ނޫނެވެ. އެހެންކަމުން ޔޫރަޕު މާކެޓަށް އެކްސްޕޯޓު ކުރުމަށް ބޭނުންވާ މަސް އާންމުކޮށް ރޯދަމަހު އެކަށީގެންވާ އަދަދަށް ނުލިބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
މޯލްޑިވްސް ސީފުޑްޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނީ މިއީ ހިތްވަރާއި އެކު މަސްވެރިން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގުތިސޯދުގައި މަސްވެރިންގެ ރޯލު ދެމެހެއްޓުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދުވަސްވަރަކީ މަސްވެރިން ރަނގަޅު ދުވަސްވަރެއް ކަމަށާއި އަދި މަސްވެރިން ބާނާ މަސް ގަނެ ވަގުތުން ފައިސާ ދެވޭނެ ހާލަތެއް އޮތުމާއި އެކު މި ދުވަސްވަރު މަހަށް ނިކުމެ ރާއްޖޭގެ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް މަސްވެރިން މަސައްކަތް ކުރުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.